ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މަހުގެ ހަތަރުވަނަ ދުވަހު ފެށި ލީގު ކަޕް ފުޓްބޯޅަ މުބާރާތަކީ ފުޓްބޯޅަ ކުޅެން ފެށުމުގެ އުފާ ލިބޭ، އެހެންނަމަވެސް ޖުމްލަކޮށް މާބޮޑު "ޕޮޒިޓިވް" ކަންތައްތަކެއް ނުފެނިދާނެ މުބާރާތެއް ކަމަށް ފީފާ ޕްރޯ ލައިސަންސް ކޯޗު އަދި ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ލީގު ކަޕާއި ގުޅޭ ގޮތުން އޭނާގެ ޚިޔާލު "ޕީއެސްއެމް ނިއުސް" އާ ހިއްސާކުރަމުން މޯހަން ބުނީ އަލުން ފުޓްބޯޅަ ކުޅެން ފެށުން މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މުސްތަގުބަލުގައި ފުޓްބޯޅައިގެ ކަންތައްތައް ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ލީގު ކަޕުން މާބޮޑު ޕޮޒިޓިވް ކަންތައްތަކެއް ނުފެނިދާނެ ކަމަށާއި، އެންމެ ބޮޑު މައްސަލައަކީ "މިހާބޮޑު ގެޕެއް" ދިއުން ކަމަށް ފުޓްބޯޅަ ނުކުޅެ ދިޔަ ދިގު މުއްދަތަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.
ފުޓްބޯޅަ ނުކުޅެ ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު މުބާރާތެއް ކުޅެން ފަށާއި، އެ މުބާރާތް ނިމޭ ހިސާބާއި ޤައުމީ ޓީމުގެ ބައިނަލްއަގްވާމީ މެޗަކާއި ދޭތެރޭ މިއޮތް މުއްދަތު ތަންކޮޅެއް ކައިރި ކަމަށް މޯހަން ފާހަގަ ކުރިއެވެ. އޭނާ މިހެން ބުނީ އަންނަމަހުގެ ކުރީކޮޅު ސިންގަޕޫރުގައި އޮންނަ ޤައުމީ ޓީމުގެ އެކުވެރިކަމުގެ މެޗަށް އިޝާރާތް ކުރަމުންނެވެ.
މޯހަން ބުނީ ފުޓްބޯޅަ ކުޅުމަކީ އަބަދުވެސް ފައިދާ ކުރާނެ ކަމެއް ކަމަށާއި، އެހެންނަމަވެސް އެފްއޭއެމްގެ މި މުބާރާތް މި ފެށީ އެންމެ ފުރިހަމައަށް ފަރިތަކުރުންތައް ނުބޭއްވި ކަމަށެވެ.
އެފްއޭއެމްގެ ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 5 ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން ދެވަނަ ޑިވިޝަނުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އދ. މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
ލީގު ކަޕުގައި މިހާތަނަށް ކުޅެފައިވަނީ ދެ މެޗެކެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރީ ޓީސީ އާއި އޮޑި ސްޕޯޓްސްއެވެ. ވާދަވެރި ކުޅުމަކަށްފަހު އެމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެވަނަ އަށް ކުޅުނީ މާޒިޔާ އާއި ނިއު ރޭޑިންޓް ބައްދަލުކުރި މެޗެވެ. އެ މެޗުގައި މާޒިޔާއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނިއު ރޭޑިއަންޓްގެ މައްޗަށް ކުރި ހޯދާފައެވެ. ދެން މި މުބާރާތުގައި އެންމެ އަވަހަށް މެޗެއް ކުޅޭނީ ހުކުރު ދުވަހު ހަވީރު ކުޅޭ މެޗެވެ. އެއޯ އޮޑި ސްޕޯޓްސް އާއި މަހިބަދޫ ބައްދަލުކުރާ މެޗެވެ.
ލީގު ކަޕް ފުޓްބޯޅަ މުބާރާތަކީ އޭޕްރީލް މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާގޮތަށް ހަމަޖެއްސުމަށްފަހު ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން ތާރީހަށް ބަދަލުގެނެސް ސީޒަން ފެށުން އޮގަސްޓް މަހަށް ލަސްކުރުމާއި ގުޅިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ އެއް މަގްސަދަކަށް އޭރުވީ ކުރިން ސާފް ޗެމްޕިއަންޝިޕް މިއަހަރު ކުޅޭ ގޮތަށް އޮތް އޮތުމާއި، އޭޝިއަންކަޕް ކޮލިފައިންގެ މެޗުތަކަށް ރާއްޖޭގެ ކުޅުންތެރިން ތައްޔާރުކުރުމަށެވެ. އެހެންނަމަވެސް ސާފް ޗެމްޕިއަންޝިޕް މިހާރު ވަނީ 2026 ވަނަ އަހަރުގެ މެދެއްހާ ހިސާބަށް ފަސްކޮށްފައެވެ.
ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަންކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖެއާއި އެކު ހިމެނެނީ ފިލިޕީންސް، ތަޖަކިސްތާނު އަދި އީސްޓް ޓީމޯ އެވެ.
އޭޝިއަންކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެއިން ކުޅުނީ މާޗް 25 ގައެވެ. ޕިލިޕީންސް އާއި ދެކޮޅަށް ނިކުތް އެ މެޗް 4-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ފިލިޕީންސްއެވެ.
ރާއްޖޭ ކުޅެން ޖެހޭ އެހެން މެޗުތަކުގެ ތެރޭގައި އީސްޓް ޓިމޯ – ރާއްޖެ މެޗު އޮންނާނީ ޖޫން 10 ގައެވެ. ތަޖިކިސްތާން – ރާއްޖެ މެޗު އޮންނާނީ އޮކްޓޫބަރު 9 ގައި ތަޖިކިސްތާނުގައެވެ. ރާއްޖެ – ތަޖިކިސްތާނު މެޗު އޮންނާނީ 14 އޮކްޓޫބަރުގައި މާލޭގައެވެ. ރާއްޖެ – ފިލިޕީންސް މެޗު އޮންނާނީ ނޮވެމްބަރު 18 ގައި ރާއްޖޭގައެވެ. ރާއްޖެ – އީސްޓް ޓިމޯ މެޗު އޮންނާނީ މާޗު 31 ގައެވެ.