ދެކުނުގެ އަތޮޅުތަކަށް މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށާފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށަނީ އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް މެއިމަހުގެ ތެރޭގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ ދެކުނުގެ އަތޮޅުތަކަށް ކުރަން ފެށީ މިމަހުގެ 7ވަނަ ދުވަހުކަމަށެވެ. އެއިދާރާއިން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށަނީ މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައިކަމަށެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ކުރާނެކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށިއްޖެކަން ބެލުމަށް މިންގަނޑުތަކެއް ގެންގުޅޭކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ކަމަށް ބަލަނީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މިހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުނު ކަމަށް ބަލާ މިންގަނޑެވެ.
މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެންދިޔުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެކެވެ.
ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީމަހުން ފެށިގެން މާރިޗުމަހުގެ ނިޔަލަށް އޮންނަ މޫސުމެވެ. އަދި ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރުމަހުގެ ނިޔަލަށް އޮންނަަ މޫސުމެވެ.
ވޭތުވެދިޔަ 24 އަހަރު ރާއްޖޭގެ އެކިހިސާބަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފަށާފައިވަނީ ޖުމްލަގޮތެއްގައި މެއިމަހުގެތެރޭގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މަޢުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.
ހުޅަނގު މޫސުމުގައި ބަލިމަޑުކަން އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ރޯގާއާއި ހުންއައުން ފަދަ ބަލިތައް އާންމުވެއެވެ. އެހެންކަމުން، ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، ހަށިގަނޑު ހޫނުކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.