ޚަބަރު

ޕެންޝަން އޮފީހުގެ ޗެއަރޕަރސަންކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި


  • މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރާނެ

  • ބޯޑުގެ ޗެއަރޕަރސަން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ

  • ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިމަހުގެ 14

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުގެ ޗެއަރޕަރސަންކަމަށް ކުރިމަތިލުމަށް ފުރަތަމަ ފަހަރަށް އިއުލާންކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 29ވަނަ ދުވަހުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ، ޗެއަރޕަރސަންކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި، އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފައިވާކަމަށެވެ. އަދި ކުރިން ހުޅުވާލެވުނު ފުރުޞަތުގައި މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުން، އަލުން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހިވަޑައިނުގަންނަވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

އެ އޮފީހުން ވިދާޅުވީ، ބޯޑަށް ޗެއަރޕަރސަން ހޮވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރާނެކަމަށެވެ. އަދި އެއަށްފަހު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީން ކުރާނެކަމަށެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ.

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ޕެންޝަން އޮފީހަށް ގޮސްގެންނާއި އެ އޮފީހުގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މިމަހުގެ 14ވަނަ ދުވަހުގެ 14:00އެވެ.

2009 ވަނަ އަހަރު ޤާއިމްކޮށްފައިވާ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް ޤާއިމްކޮށްފައިވާ އޮފީހެކެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ ވުޒާރާގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފެއްގެ އިތުރުން ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރައްވާ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.