ޚަބަރު

ޗެލްސީން ބޭނުންވަނީ ކޮންފަރެންސް ލީގު ކާމިޔާބުކުރަން: މަރެސްކާ


ޗެލްސީން ބޭނުންވަނީ ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރުމަށް ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

މަރެސްކާ މިހެން ބުނެފައިވަނީ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސްވިޑަންގެ ޖިއޯގާޑެން އާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. މިރޭގެ މެޗަށް ޗެލްސީ އަމިއްލަ ދަނޑުގައި ނިކުންނައިރު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 4-1 ގެ ނަތީޖާއަކުން ޗެލްސީން ވަނީ ކާމިޔާބުކޮށްފަ އެވެ.

އަދި އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޗެލްސީން ވަނީ ކާމިޔާބުކޮށްފަ އެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް މެޗަކުން ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

"މިއީ އަހަރުމެންނަށް ވަރަށް މުހިންމު މުބާރާތެއް. އަހަރެމެން ބޭނުންވަނީ މި މުބާރާތް ކާމިޔާބު ކުރަން އެއީ ސުވާލެއްވެސް އޮތް ކަމެއް ނޫން. ޗެލްސީ އަކީ މުބާރާތްތައް ކާމިޔާބު ކުރަން ބޭނުންވާ ޓީމެއް. އެހެންކަމުން އިތުރު ވިސްނުމެއް ނޯންނާނެ" މަރެސްކާ ބުންޏެވެ.

"ޗެލްސީން ވަނީ ވަރަށް މުހިންމު ބޮޑެތި މުބާރާތްތައް ކާމިޔާބުކޮށްފައި. މިއީ ޗެލްސީއަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މުބާރާތް. އެހެންކަމުން މި މުބާރާތް ކާމިޔާބުކުރަން ޖެހޭނެ. މި ޓީމުގައި ތިބި ކުޅުންތެރިންނާއިއެކު މުބާރާތް ކާމިޔާބު ކުރެވޭނެކަން އެބަޖެހޭ ސާބިތުކޮށްދޭން." މަރެސްކާ އިތުރަށް ބުންޏެވެ.

ޗެލްސީއިން މި މުބާރާތް ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާއިން އިންތިޒާމު ކުރާ ތިން މުބާރާތް ކާމިޔާބުކުރި ޔޫރަޕްގެ ފުރަތަމަ ކްލަބަށެވެ. މީގެ ކުރިން އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.