މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް، އެ ކުލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
އުމުރުން 30 އަހަރުގެ ފެނާންޑޭޒް އާއިއެކު މެންޗެސްޓަރ ޔުނައިޓެޑް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ނިޔަލަށް ހަމަވާނެ އެވެ.
ފެނާންޑޭޒްގެ ވާހަކަ އިތުރުވެފައިމިވަނީ ސައުދި އަރަބިއްޔާގެ އަލް ހިލާލް އިން އޭނާ ބޭނުންވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނުމާއި ގުޅިގެންނެވެ. އަދި އަންނަ މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގެ ކުރިން އަލް ހިލާލް އިން ފެނާންޑޭޒް އެ ކްލަބަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމު އިތުރަށް ރަގަޅު ކުރުމަށްޓަކައި ކުޅުންތެރިންތަކެއް ދޫކޮށްލަން ޖެހޭ ކަމަށް މީގެ ކުރިންވެސް އަމޮރިމް ވަނީ ބުނެފަ އެވެ. އަދި އެ ބަދަލުތައް ވަރަށް އަވަހަށް ގެންނަން ފަށާނެކަމަށްވެސް ޕޯޗުގަލްއަށް އުފަން އަމޮރިމް ވަނީ ބުނެފަ އެވެ.
"އަހަރުމެންގެ ވިސްނުން ބަދަލެއް ނުވޭ އަދި ބައެއް ކުޅުންތެރިންނަކީ ކްލަބުގައި މަޑުކުރުވަން ބޭނުންވާ ކުޅުންތެރިން. ބްރޫނޯ އަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއެއް. އޭނާ އެ ކްލަބުގައި މަޑުކުރުވަން އަހަރެން ބޭނުންވޭ." އަމޮރިމް ބުންޏެވެ.
ބްރޫނޯ ފެނާންޑޭޒް ވަނީ މި ސީޒަނުގައި 19 ގޯލު އެ ކްލަބަށް ކާމިޔާބުކޮށްދީ އިތުރު 18 ގޯލު ޖެހުމަށް މަގު ތަނަވަސްކޮށްދީފަ އެވެ.
އަމޮރިމް އިތުރަށް ބުނެފައިވަނި ބްރޫނޯ ފެނާންޑޭޒް ފަދަ ކުޅުންތެރިން ހޯދުމަކީ ކޮންމެ ޓީމެއްގެ ވެސް ވިސްނުން ކަމަށާއި އޭނާ އަކީ މޮޅު ކުޅުންތެރިއެއްގެ އިތުރުން ލީޑަރެއް ކަމަށެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތެއްގެ ފުރުސަތު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިނުވާއިރު އެ ކްލަބަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވެ އެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް 35 މެޗު ކުޅެފައިވާއިރު މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނަ މަގާމުގައެވެ. މިއީ އެ ކްލަބުގެ 137 އަހަރުވީ ދިގު ތާރީޚުގައިވެސް އެ ޓީމަށް ހޯދިފައިވާ އެންމެ ދަށް ނަތީޖާ އެވެ.