ޚަބަރު

ތެލެސީމިއާ ކުދިންނަށްޓަކައި ވެވަޑައިގެންނެވި ހުރިހައިކަމެއް ހަގީގަތަކަށް ހަދައިދޭނަން: ރައީސް


  • ތެލެސީމިއާ ކުދިންނަށް ހުރިހާ ދިވެހީން ގުޅިގެން އެހީތެރިވުމަށް ބާރުއެޅުއްވި

  • އެ ކުދިންނަށް ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއް

އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ތެލެސީމިއާގެ ކަންކަން ހަމަމަގަށް އަޅުވައި، ތެލެސީމިއާ ކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ދުނިޔޭގެ ތެލެސީމިއާ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައެވެ.

ތެލެސީމިއާ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙާއްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި ވިދާޅުވީ، އަބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ތެލަސީމިއާ ކުދިންގެ އިންސައްތަ އެންމެ މަތީގައި ހުރި އެއް ޤައުމުކަމަށެވެ. އެގޮތުން އާބާދީގެ ކޮންމެ 18 މީހެއްގެ ތެރެއިން އެކަކީ ތެލެސީމިއާ ވާރުތަވުމުގެ ފުރުސަތު އޮންނަ ކެރިއަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ތެލެސީމިއާއާއި މެދު ޢާންމުންނާއި، ފަރުވާގެ ނިޒާމުގައި ހިމެނޭ ފަރާތްތައް ހޭލުންތެރިކަން އިތުރުކޮށް، ތެލެސީމިއާގެ ފަރުވާގައި ބޭނުންވާ ވަޞީލަތްތައް ފަހިކުރުމަށް ޚާއްސަ އިސްކަމެއްދޭންޖެހޭކަމަށެވެ.

އެގޮތުން އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ތެލެސީމިއާ ކުދިންނަށްޓަކައި ހާމަކުރެއްވި ތަޞައްވުރާއި ވީވަޢުދުތައް ހަގީގަތަކަށް ހައްދަވާދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ރައީސް ވިދާޅުވީ، ތެލެސީމިއާ ކުދިންނާއި އެކުދިންގެ ޢާއިލާތަކުގެ ވާހަކަތައް އަޑުއައްސަވައި، ރާއްޖޭގައި ތެލެސީމިއާއަށް ދެވޭ ފަރުވާގެ ކަންކަން ސީދާ އެމަނިކުފާނު ބައްލަވަމުން ގެންދަވާކަން ހާމަކުރައްވާ ރައީސް ވަނީ އެތައް އަހަރެއްވަންދެން ބޮއްސުންލާފައި އޮތް ތެލެސީމިއާއާއި ގުޅޭކަންކަން ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުން އެކުދިންނާއި އެޢާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ ޚިޠާބުގައިވަނީ ރާއްޖޭގެ ރަށްރަށުގައި ތެލެސީމިއާ ކުދިން އުފުލަމުންދާ ތަކުލީފުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށްރަށުގައި، ތެލެސީމިއާ ހުންނަ ކުދިން ދުވާލާއި ރޭގަނޑު އެތައް އުނދަގޫތަކެއް ބަރުދާސްތުކުރާނެކަން ފާހަގަކުރައްވައި، އެކުދިންގެ ސިއްޙަތު ސަލާމަތުން ބޭތިއްބުމާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަކީ ކަމާބެހޭ ހުރިހާ ފަރާތެއްގެ ޒިންމާއެއްކަމުގައި ހަނދާންކޮށްދެއްވިއެވެ. އަދި ހަމައެކަނި މުހިންމީ ފަރުވާ ނޫންކަމަށާއި މުޖުތަމަޢުގައި އެހެން ކޮންމެ ފަރުދަކަށްވެސް ލިބިދޭ ފުރުސަތުތައް ފަހިވެފައިވާ ކުދިންނަށް އެކުދިން ހެދުމަކީ ބަހާއި ޢަމަލުން މިއަދު ސާބިތުކޮށްދެންޖެހޭކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބުގައި، ތެލެސީމިއާގެ އުނދަގޫ ބަރުދާސްތުކުރާ ކުދިންގެ ކެތްތެރިކަމާއި ހިތްވަރުން އީޖާބީ ފިލާވަޅުތައް ލިބިގަތުމަށް އެދިވަޑައިގެންފައެވެ. އާންމު ދިރިއުޅުމެއް ހޯދުމަށް އެކުދިން އުފުލާ ބުރަ ލުއިކޮށްދިނުމަށް ކޮންމެ މީހަކު ކުރާ ކޮންމެ ކަމަކީވެސް އެކަމުގައި އެތައް ބަރަކާތެއްވާކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ތެލެސީމިއާ ކުދިންގެ ޙައްގުގައި ލޭހަދިޔާކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ތެލެސީމިއާގެ ތަކުލީފު އުފުލަމުންދާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި ޤައުމުގެ ބައިވެރިވުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެކުދީންނަށް ދަތިވާ ކޮންމެކަމެއް ފަސޭހަކޮށްދިނުމަށް، ކޮންމެ ދިވެހި ރައްޔިތަކުވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.