ޚަބަރު

މާލީ ހިސާބު: ފުރަތަމަ 4 މަސް ނިމުނުއިރު ޚަރަދުތައް %21.3 ދަށް!


  • މިހާތަނަށް 12 ބިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވޭ

  • އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ލިބިފައިވޭ

ދައުލަތުގެ ޚަރަދުތައް ހަރަދުނާ ކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވާން ފަށައި، ފުރަތަމަ 4 މަހުގެ ޖުމްލަ ޚަރަދު 21.3 އިންސައްތަ ދަށްވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފއެވެ.

މާލީ ވުޒާރާއިން ވަނީ މިމަހުގެ 1 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު ހިމެނޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ނެރެފައެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް، އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ހުރީ 12.0 ބިލިޔަން ރުފިޔާގައެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން، އަހަރުގެ ފުރަތަމަ 4 މަހު ހިނގާފައިވަނީ 24.3 އިންސައްތައެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ޚަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 އިންސައްތައިން ދަށްވެފައިވާ ކަމަށެވެ.

މިގޮތުން ޕީއެސްއައިޕީ ނުވަތަ ދައުލަތުގެ ޚަރަދުގައި ހިންގާ މަޝްރޫޢުތައް އިސްކަން ދޭ ތަރުތީބެއް ކަނޑައަޅާ، ނަތީޖާނެރެވޭނެ މަޝްރޫޢުތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު، ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 75.8 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި ޚަރަދު ކުޑަކުރުމަށް ކުރެވޭ އެހެނިހެން މަސައްކަތްތަކާއެކު، ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށަށް ގޮސް، ހިންގުމުގެ ޚަރަދު 8.6 އިންސަތަ ވަނީ ދަށްވެފައެވެ. މިކަންކަމާއެކު ރިކަންރަންޓު ޚަރަދު 3.3 އިންސައްތަ ދަށްވެފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

އެހެންނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން، އެ ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 އިންސައްތައިން އިތުރުވެފައިކަން މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މި ޢަދަދުގެ 78.0 އިންސައްތަ ޙިއްސާކުރަނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީ ދަށްވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރަށް ދައްކަންޖެހޭ ބޭންކް ޕްރޮފިޓް ޓެކްސްގެ ބައެއް ނިމިދިޔަ އަހަރު އެޑްވާންސްކޮށް ބައެއް ބޭންކުތަކުން ދައްކާފައިވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާއި، ޓެކްސް ރޭޓްތަކަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު، އެ ސިނާޢަތާ ގުޅުންހުރި ޓެކުހުގެ ބާވަތްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވެއެވެ.

އާމްދަނީގެ ތަފާސްހިސާބުތައް

  • ގްރީން ޓެކްސް އާމްދަނީ: 73.7 އިންސައްތަ އިތުރު
  • ޑިޕާޗަރ ޓެކްސް: 31.9 އިންސައްތައިން އިތުރު
  • ޓީޖީއެސްޓީ: 5.3 އިންސައްތަ އިތުރު

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް-ނޫން އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 32.3 އިންސައްތަ ވަނީ އިތުރުވެފައިވެއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، މި އާމްދަނީގެ 20.1 އިންސައްތަ ޙިއްސާކުރަނީ ރިސޯޓް ބިމުކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ 34.0 އިންސައްތަ މިއަހަރުގެ ފުރަތަމަ 4 މަހުގެ ތެރޭގައި ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.