މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން 34 މިލިޔަން ޑޮލަރުގެ މަސް އެކްސްޕޯޓްކޮށްފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރޭގައި ގިނައީ މަހުގެ ބާވަތްތަކެވެ. އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން 34.3 މިލިޔަން ޑޮލަރުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 28.1 މިލިޔަން ޑޮލަރުގެ މަހުގެ ބާވަތެކެވެ. އެހެންކަމުން މަސް އެކްސްޕޯޓްކުރި މިންވަރަށް 6.2 މިލިޔަން ޑޮލަރު ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހާއި އަޅާބަލާއިރު މައިގަނޑު ހުރިހައި މަހުގެ ބާވަތްތަކެއްގެ އެކްސްޕޯޓް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއިން 21،599 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 14،259 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %51 އިތުރުވުމެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން 19،674 މެޓްރިކް ޓަނުގެ ފިނިކުރި މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 11،939 މެޓްރިކް ޓަނާއި އަޅާ ބަލާއިރު %64.9 އިތުރު އަދަދެކެވެ.
ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އެކްސްޕޯޓްކޮށްފައިވަނީ 1،333 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 1،882 މެޓްރިކް ޓަނުގައެވެ. މިއީ %29.2 ދަށް އަދަދެކެވެ.
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ މަސް އެކްސްޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނައިރު މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މަހަށް ނިކުންނަ ދޯނިތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 378 މަސްދޯންޏަކުން މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 361 ދޯންޏަކުން މަސްކިރުވާފައިވެއެވެ. އެހެންކަމުން މިއީ %4.7 އިތުރު އަދަދެކެވެ.