ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީން ޕްރޮގުރާމްތައް ހިންގުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޒަމާން ބަދަލުވެ، ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ޤާނޫނު ތަންފީޒްކުރުމުގައި ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އައު މަޢުލޫމާތުތަކަށް މުވައްޒަފުން އަހުލުވެރިނުކޮށް، ތާޒާ ނުކުރެވޭނެމަ، މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީން ޕްރޮގުރާމްތައް ހިންގުން ވަރަށް މުހިންމު ކަމަށެވެ.
"ޢާންމު ރައްޔިތުންނާ ކުރިމަތިލައި ޚިދުމަތްދޭއިރު، ތަމްރީންތަކުގެ ބޭނުން ހިފޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެދެނީ ފަންނީ ގޮތުން ބޭނުންވާ ތަމްރީންތައް އަދިވެސް ދީ، ފުރުޞަތުތައް ހޯދާދިނުމަށް." ވަޒީރު ވިދާޅުވިއެވެ.
"އެގްޒެކެޓިވް ލީޑަރޝިޕް ޓްރެއިނިން"ގެ ނަމުގައި ކުރިއަށްދިޔަ 8 ގަޑިއިރުގެ ތަމްރީން ޕްރޮގުރާމުގައި "އެފެކްޓިވް" މީހުންގެ ކިބައިގައި ހުންނާނެ 7 އާދައެއްގެ މައްޗަށް ބޭރުގެ ލިޔުންތެރިއަކު ލިޔެފައިވާ ފޮތެއްގައި ހުރި މަޢުލޫމާތުތަކަށް އަލިއަޅުވާލާފައިވެއެވެ. މިއީ މުވައްޒަފުންކުރާ މަސައްކަތުގައި ބޭނުންކުރެވިދާނެ އާދަތަކާއި ފުރިހަމަ ގޮތުގައި ޚިދުމަތްދިނުމަށްޓަކައި ބޭނުންވާނެ އެކި ކަންކަމަަށް މުހިންމު މަޢުލޫމާތުތަކެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަންގެ މި ތަމްރީން ކޯހުގައި ބައިވެރިވެފައިވަނީ އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރައްވާ ބޭފުޅުންނެވެ.