އިންޑިޔާގެ ޞިއްޙީ ވުޒާރާގެ ދަށުން ހިންގާ ކުންފުންޏަކާއެކު، ރާއްޖެއަށް ބޭސް އެތެރެކުރާ ސަރުކާރުގެ މައި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ސޮއިކޮށްފިއެވެ.
ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނައުމަށް މި އެއްބަސްވުން އެކުލަވާލާފައިވަނީ އިންޑިޔާގެ ޞިއްޙީ އަދި ޢާއިލީ ދުޅަހެޔޮކަމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ހިންދުސްތާން ލަޓެކްސް ލައިފް ކެއަރ ލިމިޓެޑާއި އެސްޓީއޯއާ ދެމެދުއެވެ.
މިދިޔަ ދުވަސްތަކުގައި ދިވެހިންނަށް ބޭނުންވާ މުހިންމު ބައެއް ބޭސްތައް ލިބުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާއިރު، އެސްޓީއޯއިން މިހާރު މިވަނީ ބޭސް އެތެރެކުރުމަށް ދާއިމީ ހައްލެއް ގެނައުމަށް އެއްބަސްވުމެއް އެކުލަވާލާފައެވެ.
އެސްޓީއޯއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ. މިއީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ގެންނަ ހުރިހާ ބޭހެއްވެސް ހުންނާނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކާއި ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ހިންދުސްތާން ލަޓެކްސް ލިމިޓެޑުން އެސްޓީއޯއަށް މުހިންމު ބޭސްތަކެއް ފޯރުކޮށްދިނެވެ. ހިންދުސްތާން ލަޓެކްސް ލިމިޓެޑަކީ ދުނިޔޭގެ ފުޅާ ދާއިރާއެއްގައި ބޭސް ފޯރުކޮށްދޭ އެއް ކުންފުނިކަމަށް އެސްޓީއޯއިން ފާހަގަކުރައްވައެވެ.