ރާޒުވާ ކުރިއަރުވަން ބޭނުންނަމަ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ވާދަކުރުން ގިނަކުރަންޖެހޭކަމަށް ގައުމީ ރާޒުވާ ޓީމުގެ ކުޅުންތެރިޔާ އާމިނަތު ސާރާ ހަލީމް ބުނެފިއެވެ.
ފާއިތުވެދިޔަ އަހަރު ހަންގޭރީގައި ކުރިއަށްދިޔަ ޗެސް އޮލިމްޕިއާރޑުގައި ވާދަކޮށް އިންޓަރނޭޝަނަލް ޗެސް ފެޑެރޭޝަން "ފައިޑް"އިން ދޭ "ވުމަން ކެނޑިޑޭޓް މާސްޓަރ" (ޑަބްލިއުސީއެމް) ހާސިލްކޮށްފައިވާ 14 އަހަރުގެ ކުޅުންތެރިޔާ ބުނީ ރާޒުވާގައި ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ބޭރުގެ ކުޅުންތެރިންނާއެކު މެޗުތައް ކުޅެލަން ލިބުންކަމަށެވެ. ސަބަބަކީ އެފެންވަރުގެ ކުޅުންތެރިންނާ ވާދަކޮށްލަން ލިބުމަކީ ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއްކަން އޭނާ ފާހަގަކުރިއެވެ.
މިމަހުގެ 6-16 އަށް ޔޫއޭއީގެ އަލް އައިންގައި ކުރިއަށްދާ އޭޝިއަން އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރަމުންދާ، ސާރާ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އިތުރަށް ބުނެފަވަނީ މިކުޅިވަރުގައި ކުރިއެރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ރާއްޖޭގައި އަދި ގައުމުން ބޭރުގައިވެސް ވާދަކުރާނެ މާގިނަ ފުރުސަތުތަކެއް ފަހިވެފައި ނެތުމަކީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށް ސާރާ ބުންޏެވެ.
"އައި ތިންކް އިޓްސް ލެކް އޮފް ޓޯރނަމެންޓްސް ރާއްޖޭގައި ހުންނަނީ ބިކޯސް މޯސްޓް ޕްލެޔަރސް މަދުވީމަ މިގައުމުގަ ނުއެއްބޭއްވޭ މުބާރާތްތަކެއް. އެންޑް އެސްޕެޝަލީ އިން ދަ ވުމެންސް ކެޓެގަރީ ދެއަރޒް އަ ހިއުޖް ލެކް އޮފް ޕްލެޔާރޒް ކޮމްޕެއާރޑް ޓޫ އެވްރީ އަދަރ ކަންޓްރީ" ސާރާ ބުންޏެވެ.
ރާއްޖޭގައި މި ކުޅިވަރު ކުޅޭ ކުދިން މަދުކަމަށާ އެކަމާ ގުޅިގެން މުބާރާތްތައް ބޭއްވުމަށް ދަތިވާކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ ކުރިންވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ ސާރާބުނީ ރާޒުވާގައި އަދިވެސް ގިނައިން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ފުރުސަތު ލިބުމަކީ އޭނާގެ އެދުމެއްކަމަށެވެ.
ސާރާގެ ކަންބޮޑުވުމާ ގުޅިގެން އޭނާގެ މަންމަ ފާތިމަތު ސުނީތާވެސް ވަނީ ރާޒުވާ ތަރައްޤީކުރުމަށް ބޭނުންވާ ބައެއްކަންކަމުގެ ވާހަކަ ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. މިގޮތުން ރާޒުވާ މުބާރާތްތައް ރާއްޖޭގައި ބާއްވާއިރު، ޖާގައިގެ ދަތިކަމުގެ މައްސަލަ ދިމާވާކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މުބާރާތްތައް މަދުވުމަކީ އޭނާގެވެސް ކަންބޮޑުވުމެއްކަމަށް އޭނާވަނީ ބުނެފައެވެ.
"ޖާގައިގެ ދަތިކަން އޮތުމާ، ދެން މިހާރު ރާއްޖޭގައިވެސް ކުޅޭ ކުދިންތައް ނުކުންނަމުން އަންނަނީ" ސުނީތާ ބުންޏެވެ. މީގެ އިތުރުން އޭނާ ފާހަގަކުރިގޮތުގައި އިންޑިއާ ލަންކާ ފަދަ ގައުމުތަކުގައި އުޅޭ ހައި ރޭޓެޑް ކުޅުންތެރިންނާ ވާދަކޮށް މުބާރާތްތައް ކުޅެލުމުގެ ފުރުސަތު ރާއްޖޭގެ ކުޅޫންތެރިންނަށް ހޯދަދިނުމަކީ ރާއްޖޭގެ ކުޅުންތެރިންގެ ލެވެލް މައްޗަށް ޖެހުމަށް ބާރަކަށްވެގެންދާނެއެވެ.
"ކުދިންގެ ވަރަށް ބޮޑު ކުރިއެރުމެއް މިލިބެނީ މިސާލަކަށް ލަންކާ، އިންޑިއާ ފަދަ ގައުމުތަކުގައި އެބައުޅޭ ވަރަށް ހައި ރޭޓެޑް ޕްލެޔަރސް. ރާއްޖޭގައި މިކުޅޭ ކުދިންނަކަށް ނުލިބޭ ބޭރު ގައުމުތަކުގައި މުބާރާތްތައް ކުޅޭކަށް. އެހެންވީމާ ބޭރު މުބާރާތްތަކެއް ކުޅެން ލިބޭނަމަ އޭތިވާނެ ވަރަށް ބޮޑު ކުރިއެރުމަކަށް" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސުނީތާ ބުންޏެވެ.