ޚަބަރު

މައުންޓުގެ މޮޅު ކުޅުމާއިއެކު މެންޗެސްޓަރ ޔުނައިޓެޑް ފައިނަލަށް


ޔޫރޮޕާ ލީގުގެ ފައިނަލުގެ ޖާގައެއް މެންޗެސްޓަރ ޔުނައިޓެޑް އިން ހޯދައިފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ސްޕެއިންގެ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖުމްލަ 7-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ދެ ޓީމު ނިކުތްއިރުވެސް ފުރަތަމަ ލެގުގައި ޔުނައިޓެޑް 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާތީ އެ ޓީމަށް އޮތް އިތުބާރު ބޮޑެވެ.

މި މެޗުގެ ކުޅުން ފެށުނުތާ 31 ވަނަ މިނިޓުގައި ބިލްބާއޯގެ މިކޭލް ޖައުރެގީޒާރ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ދެވަނަ ހާފަށް ނިކުތްއިރު 1-0 ގެ ނަތީޖާއަކުން ބިލްބާއޯ ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުރީކޮޅުވެސް އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

ނަމަވެސް މެޗުގެ 62 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ މެނުއެލް އުގާޓޭ އާއި މަޒްރޯއީ އަދި ގަރްނާޗޯގެ ބަދަލުގައި މޭސަން މައުންޓު އާއި ލޫކް ޝޯގެ އިތުރުން ދިއާލޯ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލުތަކާއިއެކު އެ ޓީމުން ކުޅުން ވަނީ ވަރަށް ބޮޑުތަން ރަގަޅުވެފަ އެވެ.

މި މެޗުގައި މޭސަން މައުންޓް ކުޅެން އެރިތާ 10 މިނިޓު ފަހުން މެޗުގެ 72 ވަނަ މިނިޓުގައި އޭނާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ފާއިތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި މޭސަން މައުންޓް ޖެހި ފުރަތަމަ ލަނޑެވެ.

އަދި އޭގެ ހަތް މިނިޓު ފަހުން ކަސެމީރޯ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް ކުރި ހޯދަދީފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަސްމުސް ހޮއިލަންޑް އެވެ.

މި މެޗުގައި ޔުނައިޓެޑް އިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި މޭސަން މައުންޓް ކާމިޔާބުކޮށްދީފައިވާއިރު އޭނާ ވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ނިކުންނާނީ ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރ އެވެ. މިއީ އިނގިރޭސިވިލާތުގެ ދެ ޓީމު ޔޫރަޕްގެ މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ހަވަނަ ފަހަރެވެ. އޭގެ ތެރެއިން ތިން ފަހަރު ޓޮޓްނަމް ހޮޓްސްޕަރ ވަނީ ފައިނަލުގައި ކުޅެފަ އެވެ.