ޚަބަރު

ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޓޮޓްނަމްއަށް ބަދަލުތަކެއް އަންނާނެ!


ކުރިއަށް އޮތް ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ޓޮޓްނަމް ހޮޓްސްޕަރއަށް ބަދަލުތަކެއް އަންނާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޓޮޓްނަމް ނުކުންނައިރު، މިއީ 2008 ވަނަ އަހަރަށްފަހު މުބާރާތެއް ކާމިޔާބުކުރުމަށް ޓޮޓްނަމްއަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އިނިގިރޭސިވިލާތުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން އެ ޓީމަށް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ އެ ޓީމުގެ މިހާރުގެ ކޯޗު އޮސްޓްރޭލިއާގެ އެންގޭ ޕޮސްޓެކޮގްލޫގެ މުސްތަގުބަލާ މެދުގައެވެ.

ޕޮސްޓްކޮގްލޫގެ އިރުޝާދުގެ ދަށުން އެ ޓީމަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު، ޕްރިމިއަރ ލީގުގައި ބާކީ ތިން މެޗު އޮތްއިރު 35 މެޗުން އެ ޓީމަށް ލިބިފައިވާ 38 ޕޮއިންޓާއެކު އޮތީ ތާވަލުގެ 16 ވަނައިގައެވެ.

މީގެ އިތުރުން އަނިޔާގެ ގިނަ މައްސަލަތަކަކާއި ކުޅުންތެރިން ކުރިމަތިލާން ޖެހިފައިވާއިރު އެ ޓީމުގެ މެޑިކަލް ޓީމުގެ މުސްތަގުބަލާއިމެދުވެސް ވަނީ ސުވާލުތަކެއް އުފެދިފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ އެޕްރިލް މަހާ ހަމައަށް އެ ޓީމުގެ މެނޭޖިންގ ޑިރެކްޓަރ އޮފް ފުޓްބޯލްގެ މަގާމުގައި ހުރި ފަބިއޯ ޕެރެޓީޗީ އަލުން އެ މަގާމަށް ގެނައުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޕެރެޓީޗީ ޓޮޓްނަމް ދޫކޮށްލާފައިވަނީ އޭނާ ޔުވެންޓަސްގައި މަސައްކަތް ކުރި ދުވަސްވަރު ނަހަމަ މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ފީފާއިން އެޅި ފިޔަވަޅު، އިޓަލީގެ މަތީ ކޯޓެއްގައި އިސްތިއުނާފު ކުރި މައްސަލަ އޭނާއަށް ކާމިޔާބު ނުކުރެވުމުންނެވެ.

މި މައްސަލައާ ގުޅިގެން ފީފާއިން ވަނީ އޭނާ ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާގެ ސަސްޕެންޝަނުގެ މުއްދަތު އަންނަ ޖުލައި މަހުގެ ނިޔަލަށް ހަމަވާނެއެވެ.