ޚަބަރު

"ޤައުމީ ތަރައްޤީއަށް އެއްބާރުލުންދީ މަރުޙަބާކިޔުމަކީ ޤައުމަށް ލިބިގެންދާނެ ކުރިއެރުމެއް"


  • “މޯލްޑިވްސް 2.0”ގެނަމުގައި ފެއްޓެވީ މުޙިއްމު ޤައުމީ މަސައްކަތެއްކަން ފާހަގަކުރެއްވި

  • މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޚަރުދަނާވެގެންދާނެ

ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" ގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޚަރުދަނާވެ، ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާއިން ގިނަ ފައިދާތަކެއްކުރާނެ ކަމަށާއި، މިފަދަކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުންދީ މަރުޙަބާ ކިޔުމަކީ މުޅި ޤައުމަށް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

"މޯލްޑިވްސް 2.0"އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ "މޯލްޑިވްސް 2.0" ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ބިޔުރޯކްރަސީގެ ސަބަބުން ނިޒާމުގައި ހުރިއުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާމަސައްކަތުގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއްކަމަށެވެ.

ވަޒީރު ވިދާޅުވީ، މިކަންކަމުގައި ދުނިޔޭގައި ނަމޫނާ ދައުރެެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިއްމަވައި އެކަންތަންފީޒުކުރަން “މޯލްޑިވްސް 2.0”ގެނަމުގައި ފެއްޓެވީ މުޙިއްމު ޤައުމީ މަސައްކަތްޕުޅެއްކަމަށެވެ. އަދި 2040ވަނައަހަރު އަންނަންވާއިރަށް ހުރިހާމާނައެއްގައި ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި އެމަނިކުފާނު ފެއްޓެވީ ވަރަށްވެސް ބޭނުންތެރި މަސައްކަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޚަރުދަނާވުމުގެ އިތުރަށް ވިޔަފާރި އާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިޤްތިޞާދަށް ގިނަފައިދާތަކެއް ކުރާނެކަމަށެވެ. ހަމަމިއާއެކު، މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީތަރައްޤީއަށް އެއްބާރުލުންދީ މަރުހަބާކިޔުމަކީ މުޅިޤައުމަށް ލިބިގެންދާނޭ ކުރިއެރުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މޯލްޑިވްސް 2.0"އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.