ކުޅިވަރު

"ގަނޑިޔަ ހިންނަވަރު 3 ވީ 3"ގެ ނަމުގައި ވަން ޑޭ ކަޕެއް ބާއްވައިފި


ފާދިއްޕޮޅު ހިންނަވަރުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން "ގަނޑިޔަ ހިންނަވަރު 3 ވީ 3"ގެ ނަމުގައި ވަން ޑޭ ކަޕެއް ބާއްވައިފިއެވެ.

މިމުބާރާތަކީ ހިންނަވަރަށް ނިސްބަތްވާ "ސްޕޯޓްސް އިވެންޓް ޕްލޭނަރ"އިން އިންތިޒާމުކުރި މުބާރާތެކެވެ. މިހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މިކަން އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ އެއްފަރާތްކަމަށްވާ އަލީ އިބްރާހިމް (އަލިބެ) ބުނެފަވަނީ މިމުބާރާތުގެ މަގުސަދަކީ ގްރޭޓާ މާލެ އޭރިއާގައި ދިރިއުޅޭ ހިންނަވަރުގެ ރައްޔިތުން އެއްތާކަށް އެއްވެލާ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ. އަދި ހިންނަވަރަކީ ފުޓުބޯޅައަށް ލޯބިކުރާ ޒުވާނުންތަކެއް ނިސްބަތްވާ ރަށަކަށްވުމުން ރަށުގެ ޒުވާނުންނަށް މިކަހަލަ ފުރުސަތެއްފަހިކޮށްދިނީކަމަށް އޭނާ ބުންޏެވެ.

"ހިންނަވަރުގެ ވަރަށް ބައިވަރު ޒުވާނުންތަކެއް މާލެ، ހުޅުމާލެ، ވިލިނގިލީގަ ދިރިއުޅޭ. ހާއްސަކޮށް ފުޓުބޯޅައަށް ލޯބިކުރާ ރަށެއް ހިންނަވަރަކީ. ހިންނަވަރު އާބާދީގެ ޒުވާނުންގެބޮޑުބައެއް މިހާރު ދިރިއުޅެމުންދަނީ މާލެ ސިޓީ، ހުޅުމާލެ، ވިލިނިގިލީގަ ވީމަ އެކުދިންނަށް އަޅުގަނޑު ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެއްކޮށް ބާއްވާލި ތްރީ އޮން ތްރީ ސްޓްރީޓް މުބާރާތެއް މިއީ" ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އަލީ އިބްރާހިމް ބުންޏެވެ.

އަދި މުބާރާތާމެދު އޭނާ ވަރަށް ހިތްހަމަޖެހޭކަމަށާ، މުބާރާތް ފުރިހަމަކަމާއެކު ނިންމާލެވުނީ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމުގެ ސަބަބަުންކަމަށް މި މުބާރާތް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވި ފަރާތެއްކަމަށްވާ ހާމިދު ނަޒީމް އިބްރާހިމް ފާހަގަކުރިއެވެ. އޭނާ ބުނީ މިމުބާރާތުގެ ސަބަބުން ދޭދޭ ގުޅުންތައް ވަރުގަދަވެއްޖެކަމަށާ މިއީ ރަށުގެ ޒުވާނުންނަށް ފަހިކޮށްދެވުނު ރަނގަޅު ފުރުސަތެއްކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ފުރުސަތެއް. މިޒަމާނުގައި ޒުވާނުންތައް ބައިބައިވެދޭ. ނުކިއްސަރު މަގަކަށް އެޅުމުގެ ފުރުސަތު ކުޑަވެގެންދާނެކަމެއް. މިއީ ޒުވާނުންނަށް ދެވޭ ވަރަށް ރަނގަޅު ޚިދުމަތެއްގެ ގޮތުފައި އަޅުގަނޑު ސިފަކުރާނީ" ހާމިދު ބުންޏެވެ.

އެއްދުވަހަށް ކުރިއަށް ގެންދިޔަ މި އިވެންޓުގައި 16 ޓީމަކުން ވާދަކުރިއެވެ. މާފަންނު ލެގޫންސް ދަނޑުގެ މިނީ ޓާފުގައި ހެނދުނު 06:30 ގައި މުބާރާތުގެ ކުޅުން ފެށުނުއިރު މުބާރާތުގެ ކުޅުން ހެނދުނު 1030 އާހަމައަށް ކުރިއަށްދިޔައެވެ. މިމުބާރާތުގެ ފައިނަލުގައި ވާދަކޮށްފަވަނީ ހަބަރުދާރު އެފްސީ އަދި އައިނިކް ބްރަދާރސްއެވެ. ވާދަވެރިކުޅުމަކަށްފަހު ޕެނަލްޓީ ޝޫޓްއައުޓްއަކުން "ގަނޑިޔަ ހިންނަވަރު 3 ވީ 3"ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައިނިކް ބްރަދާރސްއިންނެވެ.

"ސްޕޯޓްސް އިވެންޓް ޕްލޭނަރ"އިން އަދިވެސް ކުރިއަށް ކަންކަން ރާވާފަވާކަމަށާ، އެގޮތުން ބިދޭސީންނަށް ޚާއްސަކޮށްގެން "ފޮރިނާރސް ވަން ޑޭ ކަޕް"އެއް ރާވަމުން އަންނައިރު، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް އަވަހަށް އިވެންޓެއް އިންތިޒާމުކުރާނެކަމަށް "ސްޕޯޓްސް އިވެންޓް ޕްލޭނަރ"އިން މައުލޫމާތުދިނެވެ.