ޚަބަރު

ފަހަތުން އަރައި އެވަޓަންއިން ފުލަމް ބަލިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އެވަޓަން މޮޅުވެއްޖެއެވެ.

ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ހޯދުމަށް ފުލަމްއިން މަސައްކަތް ކުރަމުންދާއިރު، އެ ޓީމަށް 36 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު އޮތީ ތާވަލުގެ 11 ވަނައިގައެވެ. އެވަޓަންއަށް ލިބިފައިވާ 42 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 17 ވަނަ މިނިޓުގައި ފުލަމްގެ ރައުލް ހިމެނޭޒް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެމީލް ސްމިތު ރޯވް އަރިމަތިން ނަގައިދިން ހުރަހެއް، ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެކްސިކޯގެ ފޯވާޑް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ފުލަމްއިން ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް އެ ޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ހެރީ ވިލްސަން ފޮނުވާލި ހަމަލާ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް ފުރަތަމަ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އެވަޓަންގެ ވިޓާލީ މިކޮލެންކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

އެވަޓަންއިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑްވައިޓް މެކްނޭލް ނަގައިދިން ކޯނަރަކުން މައިކަލް ކޭން ބޮލުން ޖަގާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެވަޓަންއިން ޖެހި މި ލަނޑު އޮފްސައިޑްތޯ ބެލުމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ވަނީ ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ.

މި މެޗުގައި އެވަޓަންއިން ޖެހި ތިންވަނަ ލަނޑަކީ ބެޓޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި އަށްވަނަ ލަނޑެވެ.

މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެވަޓަންގެ މިކޮލެންކޯގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބަލާ ޕެނަލްޓީ ޕެނަލްޓީއަކަށް ފުލަމްއިން އެޕީލްކުރި ނަމަވެސް، ދަނޑުގެ އަރިމަތީގައި ބަހައްޓާފައިވާ މޮނީޓަރ އިން ބެލުމަށްފަހު ރެފްރީ ވަނީ އެއީ ހޭންޑްބޯލް އެއް ނޫން ކަމަށް ނިންމާފަ އެވެ.