ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު: ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ އުފެއްދުންތައް ބަލައިގަންނަން ފަށައިފި


  • މައުރަޒު އޮންނާނީ މިމަހުގެ 23 ގައި

  • 15 މައިގަނޑު ދާއިރާއަކުން ތަކެތި ހުށައެޅޭނެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ވާދަކުރުމުގެ ބައިން ހުށައަޅާފައިވާ ތަކެތި ބަލައިގަންނަން ފަށައިފިއެވެ. މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރު ދައްކާލުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް މައުރަޒެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.

މި މައުރަޒުގައި ވާދަކުރުމުގެ ބައިން ތަކެތި ބަލައިގަންނަ މިހާރު ވަނީ ފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިސީ އޮފިސަރ މުސްތަފާ އަބްދުލް ގަފޫރު ވިދާޅުވީ، 15 މައިގަނޑު ދާއިރާއަކުން 83 ސަބް ގިންތިން ތަކެތި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ތަކެތި ބަލައިގަންނަ ވަގުތުތަކާއި ދުވަސްތަކުގައި އެކަމަށް ފަރުވާތެރިވެ ތަކެތި ގެނައުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"މިހާރު ފެށިފައި މިއޮތީ އުފެއްދުންތައް ބަލައިގަތުމުގެ މަރުހަލާ. މި މަރުހަލާގައި ފުރަތަމަ މި ބަލައިގަންނަން ފަށާފައި މިއިނީ އަތްތެރިކަމާއި އަދި އެހެން ބައެއް ދާއިރާތަކުގެ އުފެއްދުންތައް. އެހެންވީމަ މި ދާއިރާތަކުގެ އުފެއްދުންތައް ބަލައިގަތުން މިއޮތީ 10 އަކުން 13 ވަނަ ދުވަހަށް. 14 އިން 15 އަށް މިއޮތީ އުފެއްދުންތަކުގެ ތެރެއިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް. ދެން 15 އިން 17 އަށް މިއޮތީ ޓެކްނޮލޮޖީ އުފެއްދުންތަކާއި ކާބޯތަކެތީގެ އުފެއްދުންތައް ބަލައިގަތުން." މުސްތަފާ ވިދާޅުވިއެވެ.

ތަކެތި ބަލައިގަންނަމުންދާނީ ހުޅުމާލޭ ސެންޓަރަލް ޕާކުގައި ޖަހާފައިވާ ބޮޑު ޓެންޓުންނެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމަވާފައެވެ. މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.