ޚަބަރު

ގައުމީ ޓީމުން މިރޭ ނުކުންނަ މެޗަކީ ވަރަށް މުހިންމު މެޗެއް: މުޖުތަބާ


‎އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމުން މިރޭ ނުކުންނަ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

‎މިރޭގެ މެޗަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މުޖޭ ވިދާޅުވީ މިރޭގެ މެޗަކީ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް ވަރަށް މުހިންމު މެޗަކަށް ވާނެ ކަމަށެވެ.

ގުރޫޕް އޭގެ ފަހު މެޗުގައި މިރޭ ރާއްޖޭން ނިކުންނާނީ ހޮންކޮންގ އާއި ދެކޮޅަށެވެ. މިރޭގެ މެޗަށް ނިކުންނަ ރާއްޖެ ޓީމުގެ އެއް ކުޅުންތެރިއެއް އިންޖަރީގައި ހުރިނަމަވެސް އަންނަނީ ރިކަވަރ ވަމުން ކަމަށާއި އޭނާއަށްވެސް މިރޭގެ މެޗުގައި ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް މުޖޭ ވިދާޅުވިއެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ މެޗުތައް ހޭންޑްބޯލް މޯލްޑިވްސްގެ އެފްބީ ޕޭޖުން ލައިވްކުރާއިރު ވީހަވެސް ގިނަ ސަޕޯޓަރުން މެޗުބަލާ ރާއްޖޭގެ ގައުމީ ޓީމަށް ހިތްވަރު ދެއްވުމަށް އެދޭކަމަށް މުޖޭ ވިދާޅުވިއެވެ.

"މިރޭގެ މެޗަކީ ވަރަށް މުހިންމު މެޗެއް އެހެންދިމާލަކުން ކުއާޓަރގެ ޖާގަ ކަށަވަރު ކުރުމަށް" މުޖޭ ވިދާޅުވިއެވެ.

‎މިރޭގެ މެޗަށް ޓީމު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި މެޗުގެ ކުރިން ޕާކިސްތާނާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ ކަމަށްވެސް މުޖޭ ވިދާޅުވިއެވެ.

މެއި 6-15 އަށް އޮމާންގެ ސުލްތާން ޤަބޫސް ކޮމްޕްލެކްސްގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އޮމާން، ސައުދީއަރަބިއްޔާ، ހޮންކޮންގ އާއި އެކު ގުރޫޕް އޭގައެވެ. މި މުބާރާތުގައި ދެން ވާދަކުރާ ގައުމުތަކަކީ ގުރޫޕްބީގައި ހިމެނޭ އިރާން، ފިލިޕީންސް، ޖޯޑަން، ޕާކިސްތާން އަދި އިންޑިއާއެވެ.

‎މި މުބާރާތަކީ ރާއްޖެއިން މުޅިން އަލަށް ބައިވެރިވާ މުބާރާތަކެވެ.

‎މި މުބާރާތުގެ ކުއާރޓަރ ފައިނަލު މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 12 ވަނަ ދުވަހަށެވެ. އަދި ސެމީ ފައިނަލު މެޗުތައް 13 ވަނަ ދުވަހަށް ތާވަލުކޮށްފަވާއިރު، މުބާރާތުގެ ޗެމްޕިއަނުން ކަށަވަރުވާނީ މިމަހުގެ 15 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުންނެވެ.