ޚަބަރު

"ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އަދި އެކްސްޕޯޓުކުރެވޭނެ އުފެއްދުންތައް މިފަހަރު މަޢުރަޒުން ފެންނާނެ"


  • އުފެއްދުންތެރިކަމުގެ މައުރަޒު މިފަހަރު އެހެން އަހަރުތަކާއި އެތައް ގޮތަކުން ތަފާތުވާނެ

  • އުފެއްދުންތެރިކަމުގެ މައުރަޒުގައި މިފަހަރު ބޭރުގެ 2 ޤައުމަކުން ބައިވެރިވޭ

  • އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ޑިޖިޓަލް އިކޮނޮމީގައި އުޅޭ ފަރާތްތަކުގެ ބައިވެރިވުން ފެންނާނެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ އުފެއްދުންތަކާއި، އެކްސްޕޯޓުކުރެވޭނެ ބައެއް ބާވަތްތައް ރާއްޖޭގައި އުފެއްދިދާނެކަން މިފަހަރުގެ "އުފެއްދުންތެރިކަމުގެ މަޢުރަޒުގެ" ތެރެއިން ފެންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އުފެއްދުންތެރިކަމުގެ މަޢުރަޒު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލާ އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު މާކެޓުތައް ހޯދައިދިނުމަށް ކުރިއަށްގެންދާ "އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ މަސައްކަތް ކުރިއަށްދާ ގޮތް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވަނީ ބައްލަވާލައްވާފައެވެ. މައުރަޒުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިފަހަރުގެ މައުރަޒު އެހެން ފަހަރުތަކާއި އެތައް ގޮތަކުން ތަފާތުވާނެކަމަށެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި ތަފާތު ޑިސްޓްރިކްޓްތައް ހުންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިފަހަރުގެ މައުރަޒު ބޮޑުކޮށް ފުޅާވާނެކަމަށް އަޅުގަނޑު މިދަންނަވަނީ މިފަހަރުގެ މައުރަޒުގައި ޑިސްޓްރިކްޓްގޮތަށް އެކި ހަރަކާތްތައް ފެނިގެންދާނެ. މިގޮތުން ކުޅިވަރާއި، މުނިފޫހި ފިލުވުމާއި ޑިޖިޓަލް އިކޮނޮމީގެ އިތުރުން އަވައްޓެރި ބައެއް ޤައުމުތައް އެބަ ބައިވެރިވޭ. އެގޮތުން ސްރީލަންކާ އަދި އިންޑިއާއިން ބައިވެރިވާނެ. ހަމައެއާއެކު މާކެޓް ޕްލޭސްއެއް އޮންނާނެ އެކި ކަހަލަ ވިޔަފާރިވެރިންގެ މުދާ ދައްކާލުމަށް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިފަހަރުގެ މައުރަޒުގެ ތެރެއިން ރާއްޖޭގައި އުފައްދާ އެކި ބާވަތްތައް ފެނިގެންދާނެކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ބައެއް ތަކެތި ރާއްޖޭގައި އުފެއްދޭކަމާއި އަދި އެކްސްޕޯޓުކުރެވޭނެ ބައެއް ތަކެތިވެސް ރާއްޖޭގައި އުފެއްދިދާނެކަން މިފަހަރުގެ މައުރަޒުން ފެނިގެންދާނެކަމަށެވެ.

"ރައީސް އެދިވަޑައިގަންނަވަނީ ރާއްޖޭގެ އެންމެ ކުދި ވިޔަފާރިތަކުން ފެށިގެން ޑިޖިޓަލް އިކޮނޮމީގައި އުޅޭ ފަރާތްތަކުގެ ބައިވެރިވުންވެސް ފުޅާދާއިރާއެއްގައި މިފަހަރުގެ މައުރަޒުގައި އޮތުން." ވަޒީރު ވިދާޅުވިއެވެ.

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ސެންޓްރަލް ޕާކުގައެވެ. މައުރަޒުގައި ވާދަކުރުމުގެ ބައިން ހުށައަޅާފައިވާ ތަކެތި ބަލައިގަންނަން މިހާރުވަނީ ފަށާފައެވެ.