ޚަބަރު

އަޒްމިރަލްދާ އާއި މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި


  • މިމައްސަލަ ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ކޮމިޓީން ދިރާސާކުރުމަށްފަހުއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ވަކިކުރައްވަން ހުށައެޅި މައްސަލައިގައި އިޖުރާޢީ މައްސަލައެއް ނެތްކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ކޮމިޓީގެ ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރު އަދި ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މައްސަލަ ދިރާސާކުރެއްވުމަށްފަހު، ޖޭއެސްސީން ފޮނުވި ރިޕޯޓާ އެއްގޮތަށް ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރާޢީ މައްސަލައެއް ނެތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު ވަކިކުރުމަށް ނިންމައި، ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އެސިޓީގައި ވަނީ 04 އޭޕްރީލް 2025ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގދ. ދާންދޫ އަސަރީގޭ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞައްފަތު ހަބީބް މެދުވެރިކޮށް، ބަންދާމެދު ގޮތެއް ނިންމެވި ޤާޟީ އިބްރާހީމް ޛިހުނީއަށް ނުފޫޒް ފޯރުވާފައިވާކަމަށް ސާބިތުވާކަމަށެވެ.

އެހެންކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒްގެ އެއަމަލަކީ ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން އެ ދެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާމެދު ގޮތެއް ނިންމެވުމަށް ޖޭއެސްސީން އެދިފައިވެއެވެ. ދެ ފަނޑިޔާރުން މަޤާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.