އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދާ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެ، މުބާރާތުން ކަޓައިފިއެވެ.
އިއްޔެ ކުޅުނު މި މެޗުގައި ރާއްޖެއާ ވާދަކޮށްފައިވަނީ ޗައިނާގެ ހޮންގް ކޮންގެވެ. ހޮންގް ކޮންގުން މި މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ހޮންގް ކޮންގުން ގެންގޮސްފައިވަނީ 18-12 އަދި 20-14 އިންނެވެ.
ރާއްޖޭގެ ގައުމީ ބީޗް ހޭންޑްބޯލް ޓީމުން މި މުބާރާތުގައި ވާދަކުރަމުން އަންނަނީ އަލަށް ކަމަށްވާއިރު، މިހާތަނަށް ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނުވަ ގައުމަކުން ޓީމުތައް މިމުބާރާތުގައި ވާދަކުރަމުން އަންނައިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ހިމެނެނީ މުބާރާތް ބާއްވާ ގައުމު އޮމާން އާއި، ސައުދީ އަރަބިއްޔާ އަދި ހޮންގް ކޮންގެވެ.
ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕުގެ ޕޮއިންޓް ތާވަލަށް ބަލާއިރު މި ގްރޫޕުގެ އެއްވަނައިގައި މިވަގުތު ދެ ޓީމު އެބައޮތެވެ. އެއީ ކުޅުނު ދެ މެޗުން މޮޅުވެ ހަތަރު ޕޮއިންޓާއެކު އޮމާން އަދި ސައުދީ އަރަބިއްޔާއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ކުރިއަށްދާއިރު، ސެމީ ފައިނަލް މެޗުތައް ތާވަލުކޮށްފައިވަނީ މާދަމާއަށެވެ. އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހުއެވެ. މިމުބާރާތާގެ ކުޅުން ކުރިއަށްދަނީ އޮމާންގެ ވެރިރަށް މަސްކަޓުގެ ސުލްތާން ގަބޫސް ކޮމްޕްލެކްސްގައެވެ.
ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ބީޗް ހޭންޑްބޯލް ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.