ބާސެލޯނާގެ ޑިފެންސް ވަރަށް ބޮޑަށް ރަނގަޅުކުރަންޖެހޭ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފިއެވެ. އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗުން 4-3 ގެ ނަތީޖާއަކުން މޮޅުވުމަށްފަހު ވާހަކަ ދައްކަމުންނެވެ.
ފްލިކް ބުނީ ޓީމެއްގައި އެންމެ މުހިންމު ކަމަކީ އިދިކޮޅު ޓީމުން ޖަހާ ލަނޑަށްވުރެ އިތުރަށް ލަނޑު ޖެހުން ކަމަށެވެ. ނަމަވެސް ބާސެލޯނާ ކޮޅަށް މި ސީޒަނުގައި ވަދެފައިވާ ލަނޑުތަކަށް ބަލާއިރު، ޚާއްސަކޮށް ސީޒަނުގެ ފަހު ބައިގައި ވަން ލަނޑުތަކަށް ބަލާއިރު ޑިފެންސް ރަނގަޅު ކުރަންޖެހޭކަން ސާބިތުވާ ކަމަށެވެ.
ފްލިކް ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް 120 މިނިޓް ކުޅެ ބަލިވި އޭނާގެ ޓީމުން މި މެޗުގައި ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ.
"ރެއާލް މެޑްރިޑަކީ މޮޅު ޓީމެއް. އެވަރުގެ މެޗެއް ކުޅެފައި އައިސް މި މެޗުގައި މިވަރގެ ނަތީޖާ އެއް ފަހަތުން އަރައި ހޯދުމަކީ ފަސޭހަކަމެއްނޫން. އަހަރުމެންގެ ކުޅުންތެރިން މޮޅުވާން ބޭނުންވެފައި ތިބި ބވަރު މި މެޗުން ފެނިގެން މިދިޔައީ،" ކޯޗު ބުންޏެވެ.
މި މޮޅާއެކު ބާސެލޯނާ ވަނީ ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ތިން ޕޮއިންޓާ ގާތަށް ޖެހިލާފައެވެ. އެ ޓީމު މި ވަގުތު އޮތީ ދެވަނަގައި އޮތް ރެއާލް އަށްވުރެ ހަތް ޕޮއިންޓް ކުރީގައެވެ. ނަމަވެސް ފްލިކް ބުނީ ޗެމްޕިއަންކަން ލިބިއްޖެކަމުގެ އިހުސާސް އަދި ނުކުރެވޭ ކަމަށެވެ.
"މި ސީޒަނުގައި ތިން ތަށި ލިބުމަކީ ވަރަށް ހާއްސަ ކާމިޔާބީއެއް. އަހަރުމެން ސީޒަން ފެށިއިރު މިވަރުގެ ކާމިޔާބީއެއް ހޯދާނެ ކަމަށް އެކަކު ވެސް ހިޔެއް ނުކުރާނެ. އެކަމަކު އަހަރުމެން އަންނަ ސީޒަނަށް ވެސް އިތުރަށް ރަނގަޅު ކުރަންޖެހޭ. އެކަމަށް މެނޭޖްމަންޓޫން ތައްޔާރުވާނެ،" ކޯޗު ބުންޏެވެ.
ބާސެލޯނާ ވަނީ މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕާއި ކޮޕަ ޑެލް ރޭވެސް ކާމިޔާބުކޮށްފައެވެ.