ޚަބަރު

ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ރާއްޖެއިން ކުރާމަސައްކަތް ފެންނަނީ ކާމިޔާބުކޮށް: ވަޒީރު ޠާރިޤު


  • ކާބަންޑައިއޮކްސައިޑް ޖައްވަން ދޫކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކުރަން އަމާޒުހިފާފައިވޭ

  • އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ތަމްރީންވުމުގެ ފުރުޞަތު ޗައިނާއިން ވަނީ ފަހިކޮށްދީފައި

ޖައްވަން ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގެ އަމާޒަށް ވާޞިލުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މީޓިން އޮން އިންޓަނޭޝަނަލް ޒީރޯ ކާބަން އައިލެންޑްސް އެންޑް ގްރީން، ލޯ-ކާބަން ޑިވަލޮޕްމެންޓް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ލޯ-ކާބަން ޑިވަލޮޕްމެންޓް ކޮންފަރެންސްއަކީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ޗައިނާއާއި ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށާއި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކުރަމުންދާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ކާބަންޑައިއޮކްސައިޑް ޖައްވަން ދޫކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކުރުމަށް އަމާޒުހިފާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި އިޢާދަކުރަނިވި ހަކަރަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު ކާބަންޑައިއޮކްސައިޑް ޖައްވަން ދޫކުރާ މިންވަރު މަދު ކުރުމުގެ އަމާޒަށް ވާޞިލުވުމުގައި އަލިމަގެއް ފެންނަމުންދާ ކަމަށެވެ.

"އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޤާއިމުކުރަމުން. އަދިވެސް އިތުރަށް މިކަމަށް އިންވެސްޓްކުރާނަން. އަދި ވިހަ މާއްދާތައް ދޫކުރުން މަދުކުރުމަށް ކުރެވޭނެ އިތުރު ކަންކަން ދެނެގަތުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން" ވަޒީރު ވިދާޅުވިއެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދާއިރާއިން ތަމްރީންވުމުގެ ފުރުޞަތު ޗައިނާއިން ވަނީ ދިވެހިންނަށް ފަހިކޮށްދީފައެވެ. އެ ގޮތުން ޓިޔުޝަނާއި ހުރުމުގެ ޚަރަދާއި ދަތުރުފަތުރަށް ހިނގާ ޚަރަދު ޗައިނާއިން ކަވަރުކުރާ ގޮތަށް އިޢާދަކުރަނިވި ހަކަތައާ ގުޅުންހުރި ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ޗައިނާއިން ވަނީ ފަހިކޮށްދީފައެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ، ކޮޕް 28 ސަމިޓުގެ ތެރެއިންނެވެ. މިއީ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. އަދި މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ކުޑަކުރެވި، ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދުތަކެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ހުރީ އިޔާދަކުރަނިވި ހަކަތައިގެ އެންމެ 53 މެގަވޮޓް ނަމަވެސް ސަރުކާރަށް 1 އަހަރު ވީއިރު،އެއަދަދު 70 މެގަވޯޓަށް އިތުރުކުރެވިފައިވާކަން ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ހަމަކޮށްފައެވެ.
2028ވަނަ އަހަރު ނޮވެމްބަރަށް ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އެއަމާޒާ އެއްގޮތަށް ކަންކަން ކުރުމަށް ސަރުކާރުން މިހާތަނާށް ހެދި ދިރާސާތަކުން ޖުމްލަ 450 މެގަވޮޓް ޤާއިމްކުރަން ޖެހޭކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އަދި މިއަމާޒު ހާސިލްކުރުމަށް ކެނޑިނޭޅި ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.