ކުޑަކުދިންގެ ޢަދުލުގެ ނިޒާމަކީ ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިންނަށް ދެވަނަ ފުރުސަތެއް ލިބިދޭ ނިޒާމެއްގެ ގޮތުގައި ބައްޓަންކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަންބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ "ބެލެނިވެރިންނާއި ޓީޗަރުންގެ ނަޒަރުން ކުޑަކުދިންގެ ޢާދުލުގެ ނިޒާމު: އުންމީދާއި ތަސައްވުރު" މި ނަމުގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން ބޭއްވި ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގައި ކުރިއަށް ގެންދިޔަ، "ބެލެނިވެރިންނާއި ޓީޗަރުންގެ ނަޒަރުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމު: އުންމީދާއި ތަސައްވުރު" ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވަނީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި ގުޅޭގޮތުން ބެލެނިވެރިންނަށް ލިބެންޖެހޭ މަޢުލޫމާތާއި، އެމަޢުލޫމާތު ހޯދުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދުލުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ގިނަ ބެލެނިވެރިންނަށް އެކަށީގެންވާ މިންވަރަށް ނޭނގޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެހީތެރިކަމަށް އެދި ފުރަތަމަ ގުޅަންވީ ފަރާތްވެސް ބައެއް ބެލެނިވެރިންނަށް ނޭނގޭކަމަށް ވިދާޅުވެފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުށަށް ހުށައެޅޭ ކުދިންނަށްވެސް ދެވަނަ ފުރުސަތެއް ލިބިދޭ ނިޒާމެއް މުހިންމުކަމަށްވެސް ވިދާޅުވެފައެވެ.
First Lady Madam @sajidhaamohamed participates in the panel discussion titled "Parents and Teachers Perspectives on Juvenile Justice: Hopes and Expectations" at the Juvenile Justice Conference 2025.
— The President's Office (@presidencymv) May 12, 2025
Joining the First Lady on the panel were Principal of Muhyiddin School Nazima… pic.twitter.com/i3TH30L4dN
"އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ދުވަހެއް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުއްޖަކު ކުށަށް އަރައިގަތުމާއެކު އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ފެށިގެންދިޔުން. ބޮޑު ކުށެއް ކުރާ ކުއްޖާއަށްވެސް ދެވަނަ ފުރުސަތެއް އޮތް ކުއްޖަކަށް ހެދޭނެ ނިޒާމެއް ޤާއިމުކުރުން އެއީ ދެކެން ބޭނުންވާ ދުވަހެއް." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ކުއްޖަކު ކުށަށް ހުށައެޅުނުކަން އެނގޭ ހިސާބުން ބެލެނިވެރިންނަށް އެންމެ ފުރަތަމަ ކުރެވޭނެކަމަކީ ދަރިވަރާއި އެކަމުގެ ބިނާކުރަނިވި މުޢާމަލާތުތަކެއް ކުރުންކަމަށެވެ. އެގޮތުން ކުއްޖާއަށް އެންމެ ފުރަތަމަ ސަޕޯޓު ސިސްޓަމަކީ ޢާއިލާކަން ކުދިންނަށް ޔަގީންކަން ހޯދައިދިނުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބެލެނިވެރިޔާއާއި، ސްކޫލާއި ވާހަކަދެކެވޭނެ ގާތްގުޅުމެއް ޤާއިމުވެފައި އޮތުމަކީ މުހިންމުކަމެއްކަން އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ފުރަތަމަ ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ވިލާ ނޯޓީކާގައި މިމަހުގެ 10 އަކުން 12 އަށްވަނީ ކުރިއަށްގެންގޮސްފައެވެ. ޕްސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި ގުޅޭ އެކި ދާއިރާތަކުގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.