ޚަބަރު

މުބާރާތުގައި ދައްކަން ބޭނުންވި ކުޅުން ރާއްޖޭގެ ގައުމީ ޓީމަށް ދެއްކުނު: މުޖުތަބާ


އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދާ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގައި އީރާނާއެކު ކުއާޓާ ފައިނަލަށް ނުކުތީ ރަނގަޅު ކުޅުމެއް ދެއްކުމުގެ ނިޔަތުގައި ކަމަށާއި، މުބާރާތުގައި ދައްކަން ބޭނުންވި ކުޅުން ރާއްޖޭގެ ގައުމީ ޓީމަށް ދެއްކުނު ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

އޮމާންގައި ހުންނަވައިގެން "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މުޖުތަބާ ވިދާޅުވީ އީރާނަކީ މި ސަރަހައްދުގެ އެއްވަނަ ޓީމު ކަމަށާއި، އެފެންވަރުގެ ޓީމަކާ ވާދަކުރި މެޗެއްގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

‎"އަޅުގަނޑުމެން ދައްކަން ބޭނުންވި ކުޅުން މިފަހަރު ވަނީ ދެއްކިފަ. އެއީ އީރާނަކީ އޭޝިއާ ސަރަހައްދުގެ އެއްވަނަ. އަޅުގަނޑުމެން އަލަށް ބައިވެރިވި ޓީމަކަށްވެފަ ވަަރަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށް ގަބޫލު ކުރެވޭ. މެޗުތައް ބަލަމުންދިޔަ ފަރާތްތަކަށްވެސް އެކަން ގަބޫލުކުރެވޭނެ ކަމަށް އަޅުގަނޑު ދެކެނީ" މުޖުތަބާ ވިދާޅުވިއެވެ.

މި މުބާރާތުގައި ރާއްޖެއިން އަލަށްވެސް މި ވާދަކުރީ މަތީ ދަރަޖައިގެ ޓީމުތަކަކާ ކަމަށާއި، މިއީ ގައުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ. އަދި މި މުބާރާތަކީ ކުރިއަށް އޮތް މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ގައުމީ ބީޗް ހޭންޑްބޯޅަ ޓީމަށް ރަނގަޅު ފާލެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މުބާރާތުގެ ގަދަ އަށެއްގައި ރާއްޖެ ހިމެނި ކުއާޓާ ފައިނަލްގައި ރާއްޖެ ކުޅުނު މެޗު އީރާނުން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މި ދެ ގޭމް އީރާނުން ގެންދިޔައީ 8-14 އަދި 15-32 އިންނެވެ.

މެއި 6-15 އަށް އޮމާންގެ ސުލްތާން ގަބޫސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނުނީ އޮމާން އާއި، ސައުދީ އަރަބިއްޔާ އާއި، ހޮންގް ކޮންގް އާއެކު ގުރޫޕް އޭގައެވެ. މި ގުރޫޕުގެ އެއްވަނަ ހޯދީ ސައުދީ އަރަބިއްޔާ ބަލިކުރުމަށްފަހު އޮމާންއެވެ. މި މުބާރާތުގައި ދެން ވާދަކުރާ ގައުމުތަކަކީ ގުރޫޕް ބީގައި ހިމެނުނު އީރާން އާއި، ފިލިޕީންސް އާއި، ޖޯޑަން އާއި، ޕާކިސްތާން އަދި އިންޑިއާއެވެ. އެ ގުރޫޕްގެ އެއްވަނަ ހޯދީ އީރާނުންނެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ކުޅުދުއްފުށީ ސިޓީގެ ކުޅުންތެރިންނެވެ. މި މުބާރާތަށް ގައުމީ ޓީމު ކުޅުދުއްފުށީގައި ތަމްރީނުތައް ހަދަމުން ދިޔައީ ކުޅުދުއްފުށިި ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ކައުންސިލް މެންބަރުންނާއި، އެ އިދާރާގެ ހުރިހާ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެއްބާރުލުމާއެކުގައެވެ.

ގައުމީ ޓީމަށް އިރުޝާދުދީ މި މުބާރާތަށް ކުޅުންތެރިން ތައްޔާރުކޮށްދިނީ ޕާކިސްތާނުގެ ތަޖުރިބާކާރު ކޯޗު އާސިމް ރަޝީދެވެ. ކުޅުންތެރިންނާ ކޯޗު އަދި އޮފިޝަލުން އޮމާންއަށް ފުރުމަށްޓަކައި ކުޅުދުއްފުށިން ފުރުވާލީ ރަތްދޫލައިގައެވެ. އަދި ޓީމަށް އެރަށުން ވަރަށް ބޮޑަށް ހިތްވަރު ދިންކަން ފާހަގަކުރެވެއެވެ.