ފީފާ ކުލަބު ވޯލްޑް ކަޕުގައި ކުޅެން ލިވަޕޫލްއިން އެ ޓީމުގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ރެއާލް މެޑްރިޑަށް ދޫކޮށްލާނީ ދޮޅު މިލިޔަން ޔޫރޯއަށް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނަން ފަށައިފި އެވެ.
ލިވަޕޫލްގެ ކަނާތު ފުލްބެކް އާނޯލްޑަކީ މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ސޮއިކުރަން ނިންމާފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ލައްވައި ކުލަބު ވޯލްޑް ކަޕުގައި ކުޅުވަން ރެއާލް މެޑްރިޑުން ފައިސާ ދޭން ޖެހެނީ އެހާތަނަށް ލިވަޕޫލްގެ އެއްބަސްވުން ނުނިމޭތީއެވެ.
އާނޯލްޑް ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ކުރިން އޭނާ ރެއާލްއަށް ކުޅޭނަމަ އެކަމުގެ އަގެއްގެ ގޮތުގައި ލިވަޕޫލްއިން ހުށަހަޅާފައިވަނީ އެކެއް ނުވަތަ ދޮޅު މިލިޔަންގެ އަދަދެކެވެ. ރެއާލް މެޑްރިޑުން ކުލަބު ވޯލްޑް ކަޕް ކަޕަށް އާނޯލްޑް ގެންދަން ބޭނުންވަނީ އެކުލަބުގެ ޑިފެންސް ލައިނުގައި ތިބި ކުޅުންތެރިންގެ ތެރެއިން ފަސް ޑިފެންޑަރަކު އަނިޔާގައި ތިބުމުންނެވެ.
ރެއާލްއިން ލަފާކުރާ ގޮތުގައި އަންނަ މަހުގެ 15 ވަނަ ދުވަހު މުބާރާތް ފަށާއިރު، ކުލަބުގައި މުޅިން ފިޓްކޮށް ތިބޭނީ ދެ ޑިފެންޑަރުންނެވެ. އެހެންވެ އާނޯލްޑްގެ މުހިންމުކަން ވަނީ ވަރަށް ބޮޑުވެފައެވެ.
ލިވަޕޫލްގައި ކާމިޔާބު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު އާނޯލްޑަކީ ޑިފެންސް ކުރުމާއި އެޓޭކުގައިވެސް މޮޅު ކުޅުންތެރިއެކެވެ. އަދި ސެޓް-ޕީސްތަކުގައި މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ އަންނަ ސީޒަނަށް ރެއާލް ވަރުގަދަކުރުމަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާއެވެ.