ޚަބަރު

ސާފް ޗެމްޕިއަންޝިޕުގެ ސެމީގައި ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުމެއް


އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ އަންގާރަ ދުވަހުގެ ހަވީރު ބޫޓާންއާ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް، ގުރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއެވެ. މި މުބާރާގުގައި ރާއްޖެ ކުޅުން ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ބައްދަލުކޮށް ރާއްޖެ ވަނީ އެ މެޗުވެސް 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

ސެމީ ފައިނަލްގައި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ދެ މެޗުވެސް އޮންނާނީ އަންނަ ހުކުރު ދުވަހެވެ.

އިންޑިއާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި ކުރިޔަށްދާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. މި މުބާރާތަށް ރާއްޖެ ނުކުތީވެސް ތަށި ގެނައުމުގެ އަޒުމުގައެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖާއި ހަމައިން ރާއްޖެ ކެޓި ނަމަވެސް، ރާއްޖެއިން މިއަހަރު ތައްޔާރުވީ މެޑެއްޔެއް ހޯދުމަށް އަމާޒު ހިފައިގެން ސަރަހައްދީ ގަދަ ބާރުތައް ބަލިކުރެވޭނެ ކަމުގެ އިތުބާރާއެކުގައެވެ.

ޒުވާން ޓީމުން ވަނީ އޭޕްރީލްމަހުންފެށިގެން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ބާއްވާފައެވެ. އެގޮތުން ރާއްޖަެގެ އިތުރުން ސިންގަޕޫރުގައިވެސް ޓްރޭނިންގ ހެދިއެވެ. 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކީ އަޙްމަދު ޝަކިރު (ޝާކިއްޓެ) އެވެ.