ޚަބަރު

ފަހު ވަގުތު މަޔޯކާ އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ މަޔޯކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ފަހު ވަގުތު ރަމޯން ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުވާއެކު ލީގު ޗެމްޕިއަންކަން ހޯދުމަށް ބާސެލޯނާއިން ކުރަމުންދާ އިންތިޒާރު ވަނީ އިތުރު މެޗަކަށް ދިގުދެމިގެން ގޮސްފަ އެވެ. މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ މިހާތަނަށް ކުޅުނު 36 މެޗުން 78 ޕޮއިންޓު ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 82 ޕޮއިންޓެވެ.

ނަމަވެސް މިއަދު އެސްޕަނިއޯލް އާއި ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު އެއްވަރުކޮށްގެންވެސް އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

މި ސީޒަނަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ދުރަށްދާން ނިންމާފައިވާ އެންޗެލޮއްޓީ ދެން ހަވާލުވާނީ ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމާއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 11 ވަނަ މިނިޓުގައި މަޔޯކާގެ މާޓިން ވަލްޔެންޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މަޔޯކާއިން ލަނޑު ޖަހާ ކުރި ހޯދި ފަހުން ރެއާލް މެޑްރިޑް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ޒުވާން ފޯވަޑް އެންޑްރިކް އާއި ކިލިއަން އެމްބާޕޭ އާއި ލޫކާ މޮޑްރިޗް އަދި ޖޫޑް ބެލިންހަމް ފޮނުވާލި ހަމަލަތައް ފާހަގަކޮށްލެވެ އެވެ.

ނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ މަޔޯކާގެ ގޯލުކީޕަރު ރޯމަން ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.

ރެއާލް މެޑްރިޑް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 68 ވަނަ ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ރެއާލް މެޑްރިޑް މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އުމުރުން 20 އަހަރުގެ ޔަކޯބޯ ރަމޯން އެވެ. މިއީ އޭނާ ލަލީގާގައި ކުޅުނު ދެވަނަ މެޗެވެ.

ރެއާލް މެޑްރިޑްގެ ތާރީޚުގައި އެ ކްލަބުގެ އެންމެ ކާމިޔާބު ކޯޗުގެ ތެރޭގައި ހިމެނޭ ކާލޯ އެންޗެލޮއްޓީ ވަނީ އެ ޓީމަށް 15 މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ލަލީގާ ދެ ފަހަރު ހިމެނެއެވެ. ނަމަވެސް މި ސީޒަނުގައި ރެއާލް މެޑްރިޑް ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާ އެވެ.