ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންވާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާގައެވެ.
މިބައްދަލުވުމުގައި ދެ ބޭފުޅުންވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މިގޮތުން ދެބޭފުޅުން އެންމެ ޚާއްސަކަމެއްދެއްވީ ދެ ޤައުމު ގުޅިގެން ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމުގެ މައްޗަށް ޚިޔާލުބަދަލުކުރެއްވުމަށެވެ.
މިގޮތުން ދެ ޤައުމު ގުޅިގެން ކުޅިވަރުގައި ހޯދިދާނެ ފުރުސަތުތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައިވެއެވެ. އޭގެ އިތުރުން ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި، ތަމްރީނު ޕްރޮގްރާމުތަކާއި، އަދި މިނޫންވެސް ކުޅިވަރު ފުޅާކުރުމަށް ރާއްޖޭގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުޅުންތެރިންނަށް އިތުރު ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި އެއް ޤައުމުން އަނެއް ޤައުމަށް އެތުލީޓުން ބަދަލުކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށްވެސް މި ބައްދަލުވުމުގެ ތެރެއިން ރޭވި، މަޝްވަރާކުރެވުނެވެ.
ޗައިނާއަކީ ރާއްޖޭގެ ކުޅިވަރު ދާއިރާގައި އެކި ރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. އެގޮތުން ކުޅިވަރު ވަސީލަތްތައް ފޯރުކޮށްދިނުމާއި، ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ޗައިނާ ކޯޗުން އަންނަނީ އެހީތެރިވަމުންނެވެ.