ޚަބަރު

ހައުސެން ހޯދުމަށް 50 މިލިޔަން ޕައުންޑް ދޭން ރެއާލްއިން އެއްބަސްވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު ބޯންމަތުގެ ޑިފެންޑަރު ޑީން ހައުސެންގެ ޓްރާންސްފާ ފީއަށް 50 މިލިޔަން ޕައުންޑް ދޭން ރެއާލް މެޑްރިޑުން އެއްބަސްވެއްޖެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ސްޕެއިން އަށް އުފަން އުމުރުން 20 އަހަރުގެ ޑިފެންޑަރާއި އެކު ބޯންމަތު އިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާ ގަންނަން ބޭނުންވާ ކްލަބަކުން 50 މިލިއަން ޕައުންޑު އެ ކްލަބަށް ދޭންޖެހޭނެ އެވެ. އަދި ރެއާލް މެޑްރިޑުން ވަނީ އެ އަދަދު އެ ކްލަބަށް ދޭން އެއްބަސްވެފަ އެވެ.

މީގެ 12 މަސް ދުވަސް ކުރިން ބޯންމަތު އާއި ގުޅުނު ހައުސެން އިނގިރޭސިވިލާތުގައި ބަހައްޓަން އެ ކްލަބުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މިހާރު އޭނާ ރެއާލް މެޑްރިޑާއިއެކު އޭނާގެ މުސާރަ އާއި އަދި އެހެނިހެން ކަންތަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރަމުދާ ކަމަށް ވަނީ ރިޕޯޓްތައް ބުނެފަ އެވެ.

ބޯންމަތުއަށް ރެއާލް މެޑްރިޑް އިން ދޭން ޖެހޭ 50 މިލިއަން ޕައުންޑު ތިން ބަޔަށް ބަހާލައިގެން ދައްކާ ގޮތަށް ދެ ކްލަބުން އެއްބަސްވެފައިވާއިރު އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގެ ކުރިން އެ ކްލަބު ވަރުގަދަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހައުސެން ކުރިން ކުޅުނު ދެ ކްލަބް ކަމުގައިވާ ޔުވެންޓަސް އަށް 10 އިންސައްތަ އަދި މަލާގާއަށް 5 އިންސައްތަ ދޭން ޖެހޭނެ އެވެ.

މި ސީޒަނުގައި ބޯންމަތުގެ ޑިފެންސް ލައިންގައި މޮޅު ކުޅުމެއް ދައްކާފައިވާ ހައުސެން ހޯދުމަށް ހަތް ކްލަބަކުން ވަނީ ހުށައެޅުންތައް ހުށައަޅާފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް އާއި ޗެލްސީގެ އިތުރުން އާސެނަލް އާއި ނިއުކާސަލް ޔުނައިޓެޑް ހިމެނެ އެވެ.

މި ސީޒަނަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ކާލޯ އެންޗެލޮއްޓީ ވަކިވެފައިވާއިރު އެ މަގާމާއި ދެން ހަވާލުވާނީ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރ ޒަބީ އަލޮންސޯ އެވެ.