ކުޅިވަރު

ސްޕީޑް ސްކޭޓިންގައި ރާއްޖެ ތަމްސީލުކުރަން މިތިބީ ކެތްމަދުވެފައި: ސްކޭޓް މޯލްޑިވްސް


އިންޑޮނޭޝިއާގައި ފެށުމަށް ތައްޔާރުވަމުންދާ އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ވާދަކުރުމަށް ރާއްޖޭގެ ސްކޭޓަރުން ތައްޔާރުވާން ފަށައިފިއެވެ.

މިމުބާރާތުގައި ސްކޭޓް މޯލްޑިވްސްގެ ފަރާތުން 19 ކުއްޖަކު ރާއްޖެ ތަމްސީލުކުރުމަށް ތައްޔާރުވަމުން އަންނައިރު، މިފަދަ ބައިނަލް އަގްވާމީ ބޮޑު ސްކޭޓިންގ އިވެންޓެއްގައި ރާއްޖެއިން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މިމުބާރާތުގައި ރާއްޖޭގެ ފަރާތުން 4 ކެޓަގަރީއަކުން ވާދަކުރާނެއެވެ. އެއީ 14 އަހަރާއި 17 އަހަރާ ދެމެދާއި، 14 އަހަރުން ދަށުގެ އުމުރުފުރާ އަދި 11 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 9 އަހަރުންދަށުގެ އުމުރުފުރާއެވެ.

އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ޖޫނިއަރ ކެޓެގަރީން ވާދަކުރާ އުމުރުން 14 އަހަރުގެ އެމާ ގެރަނީ ޢަބްދުﷲ ރަޝީދު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ ޕްރެކްޓިސްތައްދަނީ ވަރަށް ރަނގަޅަށްކަމަށާ، މުބާރާތް ކައިރިވަމުން އަންނާތީ ޕްރެކްޓިސްތަކަށް ފަރުވާތެރިވެ ވަރަށް ޖޯޝުގައި ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އުންމީދަކީ ސްޕީޑް ސްކޭޓިންގއިން ފުރަތަމަ ފަހަރަށް ގައުމަށް ވަނައެއް ގެނެސްދިނުންކަމަށެވެ.

"ވަރަށް ރަނގަޅު ޕްރެކްޓިސްތައް ކުރިއަށްދާގޮތް. ވަރަށް ބަރާބަރު. މުބާރާތް ކައިވެރިވެފަ އޮތީމަ ވަރަށް ބުރަކޮށް މަސައްކަތްކުރަން. ޓާގެޓަކީ ސްޕީޑް ސްކޭޓިންގ ވޯލްޑްގައި ރާއްޖެ ރިޕްރެޒެންޓްކޮށް ވަނައެއް ހޯދުން" އުމުރުން އެންމެ ތިން އަހަރުގައި ސްކޭޓްކުރަންފެށި އެމާ ބުންޏެވެ.

މި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި މިމުބާރާތް ކުރިއަށްދާއިރު، މުބާރާތައް ސްކޭޓަރުން ތައްޔާރުކުރުމުގެ މަސައްކަތްވަނީ މީގެ މަހެއްހާ ދުވަސްކުރިން ފަށާފައެވެ. އެގޮތުން މުބާރާތައް ކުދިން ހޮވާފައިވަނީ ޓައިމް ޓްރަޔަލްތަކަކަށްފަހުކަމަށް ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމްވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.

11 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ އުމުރުން 10 އަހަރުގެ އީތަން ޖިނާން ޖަލީލްގެވެސް އުންމީދަކީ މިމުބާރާތުގައި އޭނާ ވާދަކުރާ ކެޓެގަރީން އެއްވަނަ ހޯދުމެވެ.
"ޕްރެކްޓިސްތައްދަނީ ވަރަށް ރަނގަޅަށް. ކެޓެގަރީން ފަސްޓު ހޯދަން ބޭނުންވަނީ" މީގެ ދެއަހަރުކުރިން ސްކޭޓް ކުރަންފަށާފައިވާ އީތަން ބުންޏެވެ. އީތަން ފަދައިން އުމުރުން 13 އަހަރުގެ ދާވޫދް ދާއިން ޢަބްދުﷲވެސް އަމާޒުހިފާފައިވަނީ މުބާރާތުން މެޑަލެއް ކަށަވަރުކުރުމަށެވެ. އޭނާ ބުނިގޮތުގައި މުބާރާތް ގާތްވަމުން އަންނާތީ ކޮންމެ ދުވަހަކު ދެ ގަޑިއިރު މިހާރު ފަތިތަކުރުންތައް އަންނަނީ ބާއްވަމުންނެވެ.

"ވަރަށް އުފާވޭ މުބާރާތައް ދެވޭތީ. ބެސްޓަށް ޓްރައިކުރާނަން މެޑަލްއަކަށް. ކޮންމެ ދުވަހަކު 2 އަވަރޒް ޕްރެކްޓިސްކުރަން. ވީކް ޑޭސްގަ ނައިޓްގަ އޮންނަނީ. އެއީ ސްކޫލް އޮންނާނީ، ވީކެންޑްގަ އޮންނަނީ މޯރނިންގަ" ދާއިން ބުންޏެވެ.

މިމުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ސްކޭޓަރުން މިމަހުގެ 20 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، މިކުދިން ޕްރެކްޓިސްކުރަމުން އަންނަނީ ޒުލްފީ އަދި ރޮބީ ކޯޗުގެ އިރުޝާދުގެ ދަށުންނެވެ. މިކޯޗުންނާ ގުޅޭގޮތުން ހާނިމް ވިދާޅުވެފަވަނީ ކޯޗުންނާ ދޭތެރޭ ވަރަށް އުންމީދު ބޮޑުކަމަށެވެ.

"ދެ ބޭފުޅުން އެކުރައްވާ މަސައްކަތުގައި އަޅުގަނޑުމެން ދަންނަވާނީ ކާމިޔާބަކާ ހަމައަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވާ ތައްޔާރީތަކުން އަޅުގަނޑުމެންނަށް ކޮންމެވެސް ނަތީޖާއެއް ނެރެވޭނެކަމުގެ އުންމީދުގައި އަޅުގަނޑުމެންދާނީ" ކޯޗުންނާ ގުޅޭގޮތުން ހާނިމް ވިދާޅުވިއެވެ.

މާލެ އުސްފަސްގަނޑުގެ އިތުރުން ހުޅުމާލޭގައި ސްޕީޑް ސްކޭޓިންގ ފަރިތަކުރުންތައް ބާއްވަމުން އަންނައިރު އަހުމަދު ރާހިފް ޝަފީއުބުނީ މަސައްކަތްކުރަނީ އެއްވަނަ ހޯދުމަށްކަމަށެވެ. ޕްރެކްޓިސްތައްދަނީ ވަރަށް ބުރަކޮށްކަން ފާހަގަކުރަމުން އޭނާބުނީ މިހާރު އާއްމުކޮށް ދޮޅުގަޑިއިރު ޕްރެކްޓިސްތައް ބާއްވާކަމަށެވެ. އެހެންނަމަވެސް މުބާރާތައް ވަގުތު ކުޑަތަންވަމުން އަންނާތީ ޕްރެކްޓިސްގެ ވަގުތު އިތުރުކުރެވޭތޯ ކޯޗުން މަސައްކަތްކުރަމުން އަންނަކަމަށެވެ.

"ޓާގެޓަކީ އެއްވަނަ ހޯދުން. ޕްރެކްޓިސްތައް ވަރަށް ހާރޑް. ކޯޗްސް ވަރަށް މަސައްކަތްކޮށްދޭ. ވަން އެންޑް ހާފް އަވަރ ވަރު ޕްރެކްޓިސްކުރަން އެބަ. އަދިވެސް އިތުރަށް އެބަ ބަލާ ކޯޗްސް ޓައިމް އިތުރުކުރެވޭތޯ" ފާއިތުވެ ދިޔަ 4 އަހަރުވެސް މިކުޅިވަރުގައި ކުޅެމުން އަންނަ އަންނަ އުމުރުން 14 އަހަރުގެ ސްކޭޓަރ ރާހިފް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފަވެއެވެ.