ޚަބަރު

ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް: ރޭންކިން މެޗުގައި ހޮންގް ކޮންގް އަތުން ރާއްޖެއަށް ތާރީޚީ މޮޅެއް


އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދިޔަ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގެ ރޭންކިން ދެވަނަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ހޮންގް ކޮންގް ބަލިކޮށް، ރާއްޖެއިން މުބާރާތުގެ ހަތްވަނަ ޔަގީންކޮށްފިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަލިވި ޓީމުތަކުގެ މެދުގައި ރޭންކިން މެޗުތައް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ދެ ގޭމުން ރާއްޖެ ވަނީ ސައުދީ އަރަބިއްޔާ އަތުން ބަލިވެފައެވެ. އެ މެޗު ސައުދީން ގެންގޮސްފައިވަނީ 18-21 އަދި 11-14 އިންނެވެ. އެކަމަކު ރޭންކިންގައި ހޮންގް ކޮންގާ ވާދަކޮށް ރާއްޖެއިން ތާރީހީ މޮޅެއް ހޯދާފައިވާއިރު، އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-1 ގޭމުންނެވެ. މި މެޗުގެ ފުރަތަމަ ގޭމް 22-14 އިން ގެންދިޔައީ ހޮންގް ކޮންގުންނެވެ. ނަމަވެސް ރާއްޖެއިންވަނީ ހަތަރު ލަނޑުގެ ލީޑަކާއެކު 21-17 އިން ދެވަނަ ގޭމް ކާމިޔާބުކޮށްފައެވެ.

ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު ޝޫޓްއައުޓް 9-8 ގެ ނަތީޖާއަކުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މި ތާރީޚީ މޮޅާއެކު ރާއްޖެ މި ވަނީ އޭޝިއާގެ ބީޗް ހޭންޑްބޯޅައިގެ ރޭންކިންގައި ހަތްވަނައަށް އަރާފައެވެ. އަދި މިއީ ރާއްޖެއަށް މި މުބާރާތުގައި ލިބުނު ފުރަތަމަ މޮޅެވެ.

ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމުން ފުރަތަމަ ބައިވެރިވި ބައިނަލްއަގުވާމީ މުބާރާތުގައި ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ގަދަ އަށެއްގައި ހިމެނިފައެވެ.

މި މަހުގެ 6-15 އަށް ކުރިއަށްދިޔަ މި މުބާރާތުން އޭޝިއާގެ އެއްވަނަ ޓީމު ކަމަށްވާ އީރާން އަތުން ރާއްޖެ ކުއާޓާ ފައިނަލްގައި ބަލިވި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިންނަށް މި މުބާރާތަކީ ވަރަށް ރަނގަޅު ތަޖުރިބާއެކެވެ. އަދި ކުރިއަށް ހުރި ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ކުޅުންތެރިންނަށް މި މުބާރާތަކީ ވަރަށް މުހިންމު މުބާރާތެކެވެ.