ބްރެޒިލް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒް ހިމެނޭ ގޮތަށް އެ އިދާރާގެ ހިންގާ ކޮމިޓީގެ މެމންބަރުން މަގާމުން ދުރުކުރުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ.
ރިއޯޑި ޖެނީރޯގެ ކޯޓަކުން މި ގޮތަށް އަމުރުކޮށްފައިވަނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކުރީގެ ރައީސް އެންޓޯނިއޯ ކާލޯސް ނޫނޭޒް ޑެލީމާ އާއިއެކު އެޑްނާލްޑޯ ރޮޑްރިގޭޒް ހަދާފައިވާކަމަށް ބުނާ އެއްބަސްވުމެއްގައި އޮޅުވާލައިގެން ވަގު ސޮއިތަކެއް ކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށައެޅުމާއި ގުޅިގެން އެ މައްސަލަ ބެލުމަށްފަހުގަ އެވެ.
އަދި މިހާރު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނޭ މެމްބަރުންނަށް އެ މަގާމުތަކަށް އާދެވިފައިވަނީ މި ދެންނެވި ވަގަށް ސޮއިކޮށްފައިވާ އެއްބަސްވުމާއި ގުޅިގެން ކަމަށާއި އެހެންކަމުން އެ ފަރާތްތައް ވަގުތުން މަގާމުން ދުރު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެޑްނާލްޑޯ ރޮޑްރިގޭޒް ހިމެނޭ ގޮތަށް ހިންގާ ކޮމިޓީގެ މެމްބަރުން ވަކިކުރަން ކޯޓުން އަމުރުކޮށްފައިވާއިރު ނައިބު ރައީސްގެ ގޮތުގައި ހުރި ފެނާންޑޯ ހޯސޭ ސާރނޭ މި ލިސްޓުގައި ހިމެނިފައިނުވާތީ އޭނާގެ ބެލުމުގެ ދަށުން ވީހާވެސް އަވަހަކަށް އަލުން އިންތިހާބެއް ބޭއްވުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރުވެސް އެޑްނާލްޑޯ ރޮޑްރިގޭޒް މަގާމުން ދުރު ކުރުމަށް ކޯޓަކުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ބްރެޒިލްގެ ޖަސްޓިސް މިނިސްޓަރ ގިލްމާ މެންޑޭޒް ވަނީ އެ އަމުރު ބާތިލުކޮށް އޭނާ އަލުން އެ މަގާމުގެ ޒިންމާ އަދާ ކުރުމުގައި މައްސަލައެއް ނެތްކަމަށް ބުނެފަ އެވެ.
ރޮޑްރިގޭޒް އަލުން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ މިދިޔަ މާޗު މަހުގަ އެވެ. އޭނާގެ ދައުރު ނިމޭނީ 2030 ވަނަ އަހަރު އެވެ.