އެމެރިކާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަމުންދާ ކަމުގައި ވިދާޅުވެ، ދެ ޤައުމުގެ ދެމެދުގައި 200 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަ ކުރައްވައިފިއެވެ. ޓްރަމްޕް މި ކަން ހާމަ ކުރައްވާފައި ވަނީ، ގަލްފުގެ ތިން ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޔޫއޭއީއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުންތަކަށް ފަހުއެވެ.
ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޓްރަމްޕް ވަނީ އެ ޤައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޛާޔިދް އަލް-ނަހްޔާނާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވެއެވެ.
ވައިޓް ހައުސުން ބުނީ، ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރޭގައި މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނި، ބޯއިންގުން ގިނަ އަދަދެއްގެ މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއް ފާހަގަ ކުރެވޭ ކަމުގައެވެ. އެ އެއްބަސްވުމުގެ އަގު 14.5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. ވައިޓް ހައުސުން ބުނީ، އެ އެއްބަސްވުމުގެ ދަށުން ބޯއިންގުން އުފައްދާ 787 މަރުކާގެ އަދި 777އެކްސް މަރުކާގެ 28 މަތިންދާބޯޓު ގަތުމަށް ޔޫއޭއީގެ އިއްތިޙާދު އެއަރވޭޒުން ނިންމާފައިވާ ކަމުގައެވެ. އެ މަތިންދާބޯޓުތަކަށް ބޭނުންވާ އިންޖީނުތައް އުފައްދާނީ ޖީއީ އޭރޯސްޕޭސް ކުންފުނިންނެވެ. އެއީ ވެސް އެމެރިކާގެ ކުންފުންޏެވެ.
އެމެރިކާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، ޓްރަމްޕްގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ މުހިންމު އެއްބަސްވުމެއްގައި ވެސް ސޮއި ކުރެވިގެން ގޮސްފައިވާ ކަމުގައެވެ. ޓްރަމްޕްގެ ދަތުރުފުޅުގެ ތެރެއިން ޔޫއޭއީގެ އަބޫ ދާބީގައި އޭއައި ޑޭޓާ ސެންޓަރެއް ވެސް އިފުތިތާޙު ކޮށްފައިވެއެވެ. އެމެރިކާއިން ބޭރުގައި މިހާތަނަށް ޤާއިމު ކޮށްފައިވާ އެންމެ ބޮޑު، '5ޖީޑަބްލިޔު އޭއައި ކެމްޕަސް'ގެ ނަން ދީފައިވާ އޭއައި ޑޭޓާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޝައިޚް މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
"ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބޮޑުވެ، ފުޅާވެގެންދާނެ ކަމާ މެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް،" ޝައިޚް މުޙައްމަދާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. އަދި، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެމެރިކާގައި 1.4 ޓްރިލިޔަން ޑޮލަރު އިންވެސްޓު ކުރުމަށް ޤަޠަރުން ހުށަހަޅާފައިވާ ކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. އެ ފައިސާ އިންވެސްޓު ކުރުމަށް ހަމަޖެހިފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
ޔޫއޭއީއަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ޤަޠަރަށް ވަޑައިގަންނަވާފައިވާއިރު، އެ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ވެސް ގިނަ އެެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް އިތުރަށް ތަރައްޤީ ކުރުމަށް 10 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ޤަޠަރުން އެއްބަސްވުން ހިމެނެއެވެ. އޭގެ ކުރިން ޓްރަމްޕް ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ވެސް ވަޑައިގަންނަވާފައެވެ. ސަޢޫދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ އެކު ބޭއްވި ބައްދަލުވުމުގައި ސަޢޫދީ ސަރުކާރުން ވަނީ އެމެރިކާގައި 600 ބިލިޔަން ޑޮލަރު އިންވެސްޓު ކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ.