އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް އަރުވައިފިއެވެ. އައިއެމްއޯއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑަޅުއްވާފައިވަނީ ރާއްޖެއިން ފްރާންސަށާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. އިރުތިޝާމް އާދަމްއެވެ.
ރާއްޖެއިން އައިއެމްއޯއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަރސެނިއޯ އަންޓޯނިއޯ ޑޮމިންގޭޒް ވެލަސްކޯއަށް އަރުވާފައިވަނީ ލަންޑަންގައި ހުންނަ އެޖަމްޢިއްޔާގެ މައި މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ޑރ. އިރުތިޝާމް އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ސަރުކާޜޫގެ ފަރާތުން އައިއެމްއޯގެ އިސްވެރިންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
އަދި އައިއެމްއޯއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެ އޯގަނައިޒޭޝަންގެ އިސްނެންގެވުމުގައި ޢަމަލީގޮތުން ބައިވެރިވުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަޤީންކަން ޑރ. އިރުތިޝާމް ވަނީ ދެއްވާފައެވެ. މީގެއިތުރުން ކަނޑުދަތުރުފަތުރުގެ ސިނާޢަތް ކުރިއެރުމުގައި ސަރުކާރުން ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް އިރުތިޝާމް ދެއްވިއެވެ.
17 މަރޗް 1948ގައި އުފެދުނު އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުއުޅަނދުފަހަރުތަކުން ބޭރުކުރާ ވިހަ ގޭސްތަކުން ޖައްވު ތަޣައްޔަރުވުން ހުއްޓުވުން ހިމެނެއެވެ.
މި ޖަމްޢިއްޔާގެ މަޤްޞަދަކީ ކަނޑުދަތުރުފަތުރުގެ ޞިނާޢަތަށް ހަމަހަމަ އަދި ހުރިހާ ޤައުމުތަކަކުން ޤަބޫލުކޮށް ތަންފީޒުކުރާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. އައިއެމްއޯގައި 174 މެމްބަރު ޤައުމާއި 3 އެސޯސިއޭޓް މެމްބަރުން ހިމެނެއެވެ. ދިވެހިރާއްޖެ އައިއެމްއޯގައި ބައިވެރިވެފައިވަނީ 1967ވަނަ އަހަރުގެ މެއި މަހުގެ 31ވަނަ ދުވަހުއެވެ.
ޑރ. އިރުތިޝާމް އާދަމަކީ ދިވެހިރާއްޖެ އައިއެމްއޯގެ މެމްބަރު ޤައުމަކަށްވުމަށްފަހު އެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައެޅި ދެވަނަ މަންދޫބެވެ.
އިރުތިޝާމް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދާއިމީ މަންދޫބުގެ ނައިބު މުޙައްމަދު އަޙްމަދު، އަދި އިނގިރޭސިވިލާތަށް ކަނޑައަޅުއްވަފައި ހުންނަވާ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ މަރިޔަމް އާޞިފާއި، ފަސްޓް ސެކްރެޓަރީ ސާރާ ޚާލިދު ބައިވެރިވެވަޑައިގެންނެވިއެވެ.