ކުޅިވަރު

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް


މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށް، މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މިރޭ ފުރަތަމަ 21 މިނިޓް ތެރޭގައި އިންޑިއާއިން ދެ ގޯލުގެ ލީޑެއް ހޯދިއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ 10 ވަނަ މިނިޓްގައި ރާއްޖޭގެ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައަކުން ޑެނީ މެއިޓޭއި ލައިޝްރަމް އެވެ. އޭނާ ވާތު ފައިން ޖެހި ބޯޅަ ކީޕަރު ކުރިމަތީގައި ފެނު ޖެހިފައި ގޮސް ގޯލުގެ ތިރީ ކަނަށް ވަންއިރު، އެއްވެސް ކުޅުންތެރިއަކަށް ބޯޅަ ސަލާމަތްކުރަން އެއްވެސް ކަމެއް ނުކުރެވުނެވެ.

އޭގެ 11 މިނިޓް ފަހުން އިންޑިޔާގެ ދެ ވަނަ ލަނޑު ޖެހީ ފޯވަޑް އޮމަގް ޑޯޑަމް އެވެ. މިއީ ވެސް ރާއްޖޭގެ ޑިފެންސް ލައިނުގެ މިސްޓޭޓަކުން ޖެހި ލަނޑެކެވެ.

ފަހު ހާފު ބޯވާރޭގެ ތެރޭގައި ކުޅުނު މެޗުގައި އިންޑިއާގެ ތިންވަނަ ލަނޑު ޖެހީ 66 ވަނަ މިނިޓްގައި ޕްރަޝާން ޖާޖޯ އެވެ.

މި މެޗުގައި ރާއްޖޭގެ ޓީމަށް އިންޑިޔާގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާނުލެވުނެވެ. އޭގެ ބަދަލުގައި މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު އިންޑިޔާއިން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ބޯޅަތަކެއް އަމާޒުކުރި އެވެ. ރައްޖޭގެ ގޯލްކީޕަރު ޒަހްރާން ހަސަން ޒިޔާދު މީގެ ސަބަބުން ފެނުނީ ވަރަށް ބިޒީ ކީޕަރެއްގެ ގޮތުގަ އެވެ.

މުބާރާތުގެ ފައިނަލަށް އިންޑިޔާ ވާދަކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނޭޕާލް ބަލިކުރި ބަނގްލަދޭޝްއާއެވެ. މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝްއާ ކުޅެ އެއްވަރުވީ 2-2އިންނެވެ. އަދި ދެ ވަނަ މެޗުގައި ބޫޓާން އަތުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރާއްޖެއަށް ސެމީ ފައިނަލުގައި އިންޑިޔާއާ ވާދަކުރަން ޖެހުނީ ގްރޫޕް އޭގެ ދެވަނަ ލިބުމުންނެވެ.