މިދިޔަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އެސްޓީއޯއިން މިގޮތަށް ފާސްކޮށްފައިވަނީ ބަރސެލޯ ނަސަންދުރާގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި 162 ހިއްސާދާރުންނާއި 67 ޕްރޮކްސީ ހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.
ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.99 އިންސައްތައިގެ ވޯޓުންނެވެ.
އެސްޓީއޯގެ 2023ވަނަ އަހަރުގެ ފައިދާއިންވެސް ހިއްސާދާރުންނަށް ބަހާފައިވަނީ 80 ރުފިޔާއެވެ.
މި ޖަލްސާގައި 2023ވަނަ އަހަރުގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2024ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67،500 އެމެރިކާ ޑޮލަރު ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
މިޖަލްސާގައި ވަނީ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކަށް މުހައްމަދު އަހުސަން ސަލީމް ހިއްސާދާރުންގެ ވޯޓުން އައްޔަންކޮށްފަޢެއެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ 99.71 އިންސައްތަ ހިއްސާދާރުންގެ ވޯޓާއި އެކުގައެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެގޮތުގައި ލިބުނު 16.4 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑީރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވީ، އެސްޓީއޯއަށް ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގުހެޔޮކުރުމުންކަމަށެވެ.
"އަދިވެސް މާކެޓްގެ ތެލުގެ އަގު ހުރީ އަޅުގަނޑުމެން ބޭނުންވާ މިންވަރަކަށް ނޫން. އަޅުގަނޑުމެން މިހާރުވެސް އެބަ ރިވައިޒްކުރަން ބައެއް ސެގްމެންޓްތަކުގެ ފިއުލް ޕްރައިޒަސްތައް. އެހެންކަމުން އަދިވެސް ފިއުލް ޕްރައިޒް ރިޑަކްޝަން އައުމަކީ އެކަށީގެންވާ ކަމެއް. އިރާދަކުރެއްވިއްޔާ މީޑީއަމް ޓު ލޯންގް ޓާމުގައި އާމްދަނީއާއި ޕްރޮފިޓަށް މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ." އެސްޓީއޯގެ މެނޭޖިންގް ޑީރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވިއެވެ.
1964 ވަނަ އަހަރު އުފެދުނު އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.