ބަޔާ ލެވަކޫސަންއަށް ކުޅެމުން އަންނަ ނެދަލަންޑްސްގެ ޑިފެންޑަރު ޖެރެމީ ފްރިމްޕޮންގް އިނގިރޭސިވިލާތުގެ ލިވަޕޫލްއަށް ކުޅެން ނިންމައިފިއެވެ.
އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ގެނައުމަށް ލިވަޕޫލްއިން ނިންމީ އެ ޓީމުގެ ކަނާތު ބެކް އަދި ވައިސް ކެޕްޓަން ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް މި ސީޒަނަށް ފަހު ޓީމު ދޫކޮށްލަން ނިންމުމުންނެވެ.
ފްރިމްޕޮންގް ވިއްކާލަން ލެވަކޫސަންއިން ނިންމީ 35 މިލިއަން ޕައުންޑެވެ. މި އަގު ދީފައި ލިވަޕޫލުން މިހާރު ފަސް އަހަރުގެ އެއްބަސްވުމެއްގައި ކުޅުންތެރިޔާއާއާއެކު ސޮއިކުރަން އެއްބަސްވެފަ އެވެ.
މީގެ އިތުރުން ޒުވާން ކަނާތު ބެކް ކޯނާ ބްރެޑްލީ ވަނީ އެއްބަސްވުން އައުކޮށްފަ އެވެ. އެއީ 2029 ވަނަ އަހަރުގެ ނިޔަލަށެވެ.
ލިވަޕޫލުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގައި އެންމެ ބޮޑަށް އިސްކަންދެނީ ޓީމުގައި ތިބި ކުޅުންތެރިން ހިފެހެއްޓުމަށެވެ. މި ގޮތުން މިހާރު ވަނީ ކެޕްޓަން ވާޖިލް ވެންޑައިކާއި ފޯވަޑް މުހައްމަދު ސަލާހުގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. މި ދެ ކުޅުންތެރިންނަކީ ވެސް މި ސީޒަނުގެ ނިޔަކަށް ކޮންޓްކެޓް ހަމަވާންދިޔަ ދެ ކުޅުންތެރިންނެވެ.
މީގެ އިތުރުން މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ކޮލަމްބިއާގެ ވިންގާ ލުއިޒް ދިއާޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކްއަލިސްޓާ އާއި ޑިފެންޑަރު އިބްރާހީމާ ކޮނާޓޭގެ ކޮންޓްރެކްޓް އާކުރުމަށް އެކުލަބުން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ސްޕޭނުގެ ވެލެންސިއާ އަށް ކުޅޭ ކީޕަރު މަމަޑާސްވީލީ ވެސް އަންނަ ސީޒަން ފެށުމުގެ ކުރިން ލިވަޕޫލާ ގުޅޭނެ އެވެ.
އިނގިރޭސި ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ލިބުނު ނަމަވެސް ކޯޗު އާނޭ ސްލޮޓް ބުނަނީ އޭނާގެ ކޯޗުކަމުގައި ލިވަޕޫލްގެ ހަގީގީ ޓެސްޓަކަށްވާނީ އަންނަ ސީޒަން ކަމަށެވެ. މި ސީޒަކީ ކުރީގެ ކޯޗު ޔާގެން ކްލޮޕް ތައްޔާރުކޮށްފައި އޮތް ޓީމަކާއެކު ކުޅުނު ސީޒަނެއް ކަމަށެވެ.