ޚަބަރު

ސަބްސިޑީއަށް ކުރި ހޭދަ %21 ދަށަށް


  • ސަބްސިޑީއަށް 1.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

  • މިދިޔަ އަހަރު މި މުއްދަތުގައި ވަނީ 1.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައި

މިއަހަރުގެ ފުރަތަމަ 14 ހަފްތާ ނިމުނު އިރު، ބަޖެޓުން ސަބްސިޑީއަށް 1.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %21 ދަށް އަދަދެކެވެ.

މާލީ ވުޒާރާއިން ނެރެފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި ޖުމްލަ 3.2 ބިލިޔަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 3.4 ބިލިޔަން ރުފިޔާއެވެ.

ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީއަށް ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 1.1 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ދައުލަތުން ޚަރަދުކޮށްފައިވަނީ 1.3 ބިލިޔަން ރުފިޔާއެވެ.

ސަބްސިޑީއަށް ކޮށްފައިވާ ޚަރަދު ދަށްވެފައިވީނަމަވެސް އާސަންދައަށް ކޮށްފައިވާ ޚަރަދު ވަނީ އިތުރުވެފައެވެ. މިގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް 735 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މިއަދަދު ހުރީ 657 މިލިޔަންގައެވެ. ސަބްސިޑީއަށް ކުރި ޚަރަދު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުމުން ކަމަށެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ދޭ ގްރާންޓުވެސް ވަނީ ދަށްވެފައެވެ. މާލީ ރިޕޯޓުން ދައްކައްގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 751.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 717.5 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާގޮތުން، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 އިންސައްތަ ވަނީ ލިބިފައެވެ.

ދައުލަތުގެ އާމްދަނީގެ 78.0 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ޙިއްސާކުރާއިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި، ކޯޕަރޭޓް އިންކަމް ޓެކުހާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ.

08 މެއިގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދުގެ 25.0 އިންސައްތަ ވަނީ ހޭދަވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 އިންސައްތަ ދަށް އަދަދެކެވެ.