މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މާލެ ސަރަހައްދުގައި ލޭބަރ ފޯސް ސަރވޭއެއް ފަށައިފިއެވެ. މި ސަރވޭ ކުރިއަށްދާނީ މިމަހުގެ 18 އިން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިވެހިރާއްޖޭގެ ލޭބަރ މާކެޓާ ބެހޭ ސަރވޭތައް ކުރުމާއި ވަޒީފާގެ ބާޒާރާއި ބެހޭ ތަފާސްހިސާބު އެއްކުރުމަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބު ޤާނޫނު" ގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.
އެ ބިއުރޯއިން 2024 އޮކްޓޫބަރުން ފެށިގެން ކޮންމެ މަހަކު އެއްފަހަރު ދަނީ "ލޭބަރ ފޯސް ސަރވޭ" ކުރިއަށްގެންދަމުންނެވެ. ގްރޭޓަރ މާލެ ސަރަހައްދުގެ ރޭންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކުގައި މިހާރު ދަނީ މި ސަރވޭ ކުރިއަށްގެންދަމުންނެވެ.
* ތަޢުލީމު
* ހިޖުރަކުރުން
* ވަޒީފާއާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލް
* މީހުންގެ އާންމު މައުލޫމާތު
* އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައިނުވާ އާބާދީގެ ތަފްސީލް
* ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު
* ހިލޭ ސާބަހަށް މަސައްކަތްކުރާ އާބާދީގެ ތަފްސީލް
މި ސަރވޭގެ ބޭނުމަކީ އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ ދެނެގަތުމާއި، ވަޒީފާގައި އުޅޭ މީހުންގެ ނިސްބަތް ދެނެގަތުމާއި، އަލަށް ވަޒީފާ އުފެދޭ މިންވަރު ދެނެގަތުމެވެ. ވަޒީފާގައި އުޅޭ އަދި ނޫޅޭ މީހުންގެ އާބާދީ ދެނެގަތުމާއި، ހިޖުރަކުރުމުގެ ރޭޓް ހޯދުމާއި އާބާދީގެ ޕްރޮޖެކްޝަންތައް އަޕްޑޭޓްކުރުމަށް ބޭނުންވާ ޑޭޓާ ހޯދުމަކީވެސް މި ސަރވޭގެ ބޭނުމެކެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްވާ މިންވަރު ދެނެގަތުމަކީވެސް މި ސަރވޭގެ ބޭނުމެއްކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މައުލޫމާތުދެއެވެ.
މި ސަރވޭއިން އެއްކުރާ ވަކިފަރުދުންގެ އަދި ގޭބީސީތަކުގެ މައުލޫމާތުތަކަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެއްކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ ވިދާޅުވެފައެވެ.