ޚަބަރު

މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 176 ދޯންޏަކަށް 14.4 މިލިޔަން ރުފިޔާ


  • މިއީ ކުރީ ހަފްތާއާ އަޅާ ބަލާއިރު %50 އިތުރު އަދަދެއް

  • އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ބުދަ ދުވަހު

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 14.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯ ކިރުވާފައިވާ މަހުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މަސްވެރިން ކިރުވި މަހަށް 14.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ އޭގެކުރީ ހަފްތާއާ އަޅާ ބަލާއިރު %50 އިތުރު އަދަދެކެވެ. ކުރީ ހަފްތާގައި މިފްކޯއިން ވަނީ 186 ދޯންޏަކަށް 9.6 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

މިދިޔަ ހަފްތާގައި މިފްކޯއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެދުވަހު 45 ދޯންޏަކަށް 4.3 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ. މިފްކޯއިން މަޢުލޫމާތު ދެއްވާގޮތުގައި، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މަސް ބަންދުކުރާ ކާރުޚާނާއެއް ހުޅުމާލޭގައި އެޅުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަށް ޤާއިމްކުރުމުގެ އިތުރުން، ޕްރޮސެސިންގް ކެޕޭސިޓީވެސް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، އެސްޓީއޯ ރޭޓުގަ މަސްވެރިންނަށް ތެޔޮ ދޫކުރުމަށް ވަޢުދުވެފައިވާ ފަދައިން ކޮންމެ އަތޮޅެއްގެވެސް އެއް ރަށެއްގައި ތެޔޮ ފޯރުކޮށްދޭ ސެޓޭޝަންތައް ޤައިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ސްޓޭޝަންތަކުގެ މަސައްކަތް މިއަންނަ އަހަރުގެ މާރިޗުމަހުގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.