ކުޅިވަރު

އާޖެންޓީނާގެ ކީޕަރުގެ ޝައުގު ބާސެލޯނާ އަށް


އެސްޓަން ވިލާ ދޫކޮށްލަން ތައްޔާރުވާ އާޖެންޓީނާގެ ގައުމީ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބާސެލޯނާ ކުޅެން ޝައުގުވެރިވާ ވާހަކަ ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިވާ ކީޕަރު މިފަދައިން ވާހަކަ ދެއްކި ބާސެލޯނާއިން ވެސް އޭނާ ލައްވައި ކުޅުވަން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ. ނަމަވެސް ބާސެލޯނާއިން އޭނާ ލައްވައި ސޮއިކުރުވާނީ އެ ޓީމުގައި މިވަގުތު ހުރި ކީޕަރު ޕޮލެންޑްގެ ވޮޝްނިއާ ޝެޒްނީ ކޮންޓްރެކްޓް އާނުކޮށްފިނަމަ އެވެ.

ރިޓަޔާކޮށްގެން ހުއްޓައި މި ސީޒަނުގައި ބާސެލޯނާއިން އެމަޖެންސީކޮށް ގެނައި ޝެޒްނީ ރަނގަޅު ކުޅުމެއް ދެއްކުމުން އޭނާ އަށް ބާސެލޯނާއިން މިހާރު ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ނަމަވެސް 33 އަހަރުގެ ކީޕަރު ބުނީ އޭނާ ވަކި ގޮތެއް ނިންމާނީ އާއިލާއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ބާސެލޯނާއިން ދަނީ އަންނަ ސީޒަނަށް ކީޕަރުގެ ޕޮޒިޝަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި މިވަގުތު ޓީމުގައި އިސްކޮށްތިބި ދެ ކީޕަރުންނާމެދު ވެސް ވަނީ ކޮންމެވެސް ވަރެއްގެ ސުވާލުތަކެއް އުފެދިފަ އެވެ. އެއީ އެއްވަނަ ކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން އަނިޔާ އަށް ފަހު އެނބުރު ކުޅެން ފެށިއިރު އޭނާގެ ކުރީގެ ރަނގަޅު ފޯމުގައި ކުޅޭތަން ނުފެންނާތީ އެވެ. އުމުރުން 34 އަހަރުގެ ޓާސްޓެގަން އަންނަ ސީޒަނުގައި ބާސެލޯނާގައި ބަހައްޓާނެ އެވެ. ނަމަވެސް ޝެޒްނީއާ މެދު ސުވާލު އުފެދިފައިވަނީ އޭނާ އަށް ޔޫރަޕުެ މުބާރާތްތަކުގައި ތަފާތު ކުޅުމެއް ނުދެއްކޭތީ އެވެ.

އާޖެންޓީނާ އަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން މާޓިނޭޒް ވަނީ ޖެހިޖެހިގެން ދެ ފަހަރު ފީފާ ދަ ބެސްޓް ގޯލްކީޕަރުގެ މަގާމު ހޯދައިފަ އެވެ. އުމުރުން 32 އަހަރުގެ ކީޕަރު ބުނީ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީގެ އުއްމީދުތައް ފުރިހަމަ ކުރުމަށް އޭނާ ބާސެލޯނާ އާއި މެސީ މިހާރު ކުޅޭ އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެފާނެ ކަމަށެވެ.
ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި އަންނަ އަހަރުގެ ވޯލްޑްކަޕަށް ފަހު މެސީގެ އެއް އުއްމީދަކީ ރިޓަޔާ ކުރުމުގެ ކުރިން އަލުން ބާސެލޯނާ އަށް ކުޅުމެވެ.