ކުޅިވަރު

ދެ ކޯޗުން ސަސްޕެންޑްކޮށް، ފައިނަލް މެޗު ހުކުރަށް


އިޓާލިއަން ލީގުގެ ޗެމްޕިއަން ޓީމު ކަނޑައަޅާ ދެ މެޗު ހުކުރު ދުވަހަށް ބަދަލުކޮށް ތައްޓަށް ވާދަކުރާ ނާޕޮލީ އާއި އިންޓަމިލާންގެ ކޯޗު ސަސްޕެންޑްކޮށްފި އެވެ.

އެހެން ޓީމުތަކުން ލީގުގައި ކުޅޭ ފަހު މެޗުތައް ކުޅޭނީ ހޮނިހިރު ދުވަހު އެވެ. އިޓާލިއަން ލީގުން މި ގޮތަށް ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. ޓޭބަލުގެ އެއްވަނާގައި މިވަގުތު އޮތީ 79 ޕޮއިންޓާއެކު ނާޕޮލީ އެވެ. އެ ޓީމު ހުކުރު ދުވަހު އަދި ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ވާދަކުރާނީ ކަލިއާރީއާ އެވެ. ޓޭބަލުގެ ދެ ވަނާގައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އިންޓަމިލާނެވެ. އެ ޓީމަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. އިންޓަ ފަހު މެޗުގައި ރަށުން ބޭރުގައި ވާދަކުރާނީ ކޯމޯއާ އެވެ.

މި ދެ މެޗުގައި ވެސް ދެ ޓީމުގެ ކޯޗު ތިބެން ޖެހޭނީ ކުޅި ބަލާށެވެ. ނާޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ސަސްޕެންޑް ކުރީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޕާމާއާ ވާދަކޮށް 0-0އިން އެއްވަރުވި މެޗުގައި ރެފްރިއާ ޒުވާބު ކުރުމުންނެވެ. މި މެޗުގައި ޕާމާގެ ކޯޗު ކްރިސްޓިއަން ޗިވޫ ވެސް ބެންޗުން ފޮނުވާލި އެވެ.

އިންޓަމިލާނުގެގެ ކޯޗު ސިމޯން އިންޒާގީ ސަސްޕެންޑް ކުރީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. ލާޒިއޯއާ ވާދަކޮށް 2-2އިން އެއްވަރުވި މެޗުގައި އިންޒާގީ ހަމައިން ނެއްޓުނީ އިންޓަ މެޗު ނިމެނިކޮށް ޖެހި ގޯލު ރެފްރީ ބަލައިނުގަތުމުންނެވެ.
ނާޕޮލީ އާއި އިންޓަ ޕޮއިންޓްގެ ގޮތުން ހަމަހަމަވެއްޖެ ނަމަ ޗެމްޕިއަން ޓީމު ކަނޑައަޅަން ހާއްސަ މެޗެއް ކުޅޭނެ އެވެ. އެ މެޗު ކުޅެން މިހާރު ހަމަޖައްސާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. މި ދެ ޓީމު ޕޮއިންޓްގެ ގޮތުން ހަމަހަމަވާނީ އިންޓަމިލާނުގެ މެޗު އެއްވަރުގެ ނާޕޮލީ ކުޅޭ މެޗުން ބަލިވެއްޖެނަމަ އެކަންޏެވެ.