ޚަބަރު

މުލީ އެއަރޕޯޓަކީ 11 އަހަރުވީ ތަޞައްވުރެއް، 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި: ވަޒީރު ޑރ. މުއްޠަލިބު


  • ވަޒީރު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓިފަކަމަށް

  • ރައީސް އިސްކަން ދެއްވި މަޝްރޫޢުތަކުގެ ތެރޭގައި މުލީ އެއަޕޯޓް ހިމެނޭ

  • 540 މިލިއަން ރުފިޔާ ޖުމްލަ ހޭދަކުރި

މުލަކަތޮޅު މުލީގެ ބިންހިއްކުމާއި އެއަރޕޯޓް ތައްޤީކުރުމަށް ސަރުކާރުން 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިކަމަށާއި ސަރުކާރުން ކުރި އެބޮޑު އިންވެސްޓްމަންޓް ރައްޔިތުން ބަލައިގަނެ، އަތޮޅަށް ތަރައްޤީ ގެނައުމަށް ގުޅިގެން މަސައްކަތްކުރުމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެދިވަޑައިގެންފިއެވެ.

ވަޒީރު މިކަމަށް އެދިވަޑައިގަތީ މުލަކަތޮޅު މުލީ އެއަރޕޯޓްގެ ޚިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސައްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ އެއަރޕޯޓް މަޝްރޫޢުއަށް ފަހިވާގޮތަށް މުލީގެ ބިން ހިއްކަން ފެއްޓެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން 2014ވަނަ އަހަރުކަމަށެވެ. 11 އަހަރު ފަހުން މުލީ އެއަރޕޯޓުން ކޮމާޝަލް ދަތުރުތައް ފެށުމަށް ހުއްދަ ލިބި، އަތޮޅުގެ ރައްޔިތުންގެ ހުވަފެން ޙަޤީގަތަކަށް ވެގެން އައުމަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަން ވަޒީު ފާހަގަކުރެއްވިއެވެ.

"މަޤާމާ ހަވާލުވިފަހުން އެންމެ އިސްކަމެއް ދީގެން ނިންމަން ރައީސް އެދިވަޑައިގެންނެވި އެއް މަޝްރޫޢުއަކީ މުލި އެއަރޕޯޓް މަސައްކަތް. މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި އޭރު. އެޕްރޫވް ނުވެ ހުރި ވަރަށް ގިނަ ވޭރިއޭޝަންތައް ހުރި. ރައީސްގެ އެންގެވުމާ އެއްގޮތަށް ކުރި ވަރަށް ބޮޑު މަސައްކަތެއް މިއީ. އެމްޓީސީސީން ވަރަށް ބުރަ މަސައްކަތެއް ކުރީ. 18 މަހުން މަސައްކަތްތައް ނިންމާ މިއަދު އެއަރޕޯޓް ހުޅުވިގެން މިދަނީ" ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީމު އަތޮޅަކީ އާބާދީ ކުޑަ ނަމަވެސް ގުދުރަތީގޮތުން މުއްސަނދި، ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ފުރުޞަތުއޮތް އަތޮޅެއްކަމަށެވެ. އެއަރޕޯޓް މަޝްރޫޢުވެގެންދަނީ ފަތުރުވެރިކަމުގެ އެތަށް އިންވެސްޓްމަންޓަކަށް މަގުފަހިވާނެ ދޮރޯއްޓެއްކަމަށާއި، އިޤްތިޞާދީ ނަފާވެރިކަމަށް މުހިންމު ބިނާރެއްކަމަށް ވިދާޅުވިއެވެ.

"2014ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ހިމެނޭހެން 540 މިލިއަން ރުފިޔާ ސަރުކާރުން މި މަޝްރޫޢުއަށް ޚަރަދުކޮށްފި. އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޖެހޭ. ސަރުކާރުން މި ކުރި ބޮޑު އިންވެސްޓްމަންޓް ބަލައިގަނެ، އަތޮޅަށް ތަރައްޤީގެނައުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެދެން." ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މުލަކަތޮޅަކީ ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ އެތަށް ފުރުޞަތެއްވެސް ފަހިކުރެވޭނެ އަތޮޅެއްކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އަބާދީ އެއްފަސްކުރުމުގެ ނަމުގައި އަތޮޅު ދޫކޮށް ނުދިއުމަށް އެއަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އޭގެބަދަލުގައި އަތޮޅުގެ ބޮޑެތި ރަށްތަކުގައި އާބާދީގެ ތަރައްޤީ ގެނައުމަށް މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭކަމަށް ވިދާޅުވިއެވެ. މިއީ ތަރައްޤީ ގެނެވޭނެ ގުދުރަތީ ވަސީލަތްތައް ހުރި އަތޮޅަކަށް ވުމާއެކު، އަތޮޅުގެ ރައްޔިތުން އަތޮޅުގައި އާބާދީ ތަރައްޤީ އެއްފަސްކޮށްގެން ތަރައްޤީއަށް މަސައްކަތްކުރުމަށް ވަޒީރު ޑރ.މުއްޠަލިބު އެދިވަޑައިގެންނެވިއެވެ.