ތަރައްްޤީ

ހިންމަފުށީ ބިން ހިއްކުން- އުއްމީދީ މަޝްރޫޢުއެއް


ހިންމަފުށީ ބިންހިއްކުމުގެ މަސައްކަތަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ގިނަދުވަހުގެ އުއްމީދުތަކާ ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ. ހިންމަފުށީ ބިން ހިކުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވާ ކުންފުނި، ނެދަރލޭންޑްސްގެ ވެންއޫޑް ޑްރެޖިންގ މެރިން ކޮންޓްރެކްޓާއިން އެރަށުގެ ދެކުނު ފަރާތު ފަޅުތެރެއިން 21.6 ހެކްޓަރުގެ ބިން އެންމެ ސާދަ ދުވަހުގެ ތެރޭގައި ހިއްކާ ނިންމުމަށްފަހު މިހާރު ވަނީ ބިންހިއްކުމަށް ގެނައި ތަކެތި ރަށުން ގެންގޮސްފައެވެ. ހިންމަފުށީގެ ބިންހިއްކުމަށްވެސް އެކުންފުނިން ބޭނުންކޮށްފައިވަނީ ސ. ފޭދުއާއި ގދ. ތިނަދޫގެ ބިންހިއްކުމަށްވެސް ބޭނުންކުރި ޑްރެޖަރެވެ. 

މިއީ ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު ޑްރެޖަރެވެ. ބިން ހިއްކާނިމި މަސައްކަތަށް ބޭނުންވާ ތަކެތި ރަށުން ބާލާފައިވާއިރު ހިއްކި ސަރަޙައްދު ޙިމާޔާތްކުރުމަށްޓަކައި ލާ ތޮށިގަޑުގައި ޖަހާ ބޮޑު ހިލަ އެރަށަށް ގެނެސް ހިލަޖެހުމުގެ ތައްޔާރީތައްވެސް މިހާރު ދަނީ ވަމުންނެވެ.

ސަތޭކަ ތިރީސް މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިޔަށްގެންދެވި ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫޢަށް ބޭނުންވާ ވެލި ނަގާފައިވަނީ އއ. އަތޮޅުގެ ކަނޑުއަޑިންނެވެ. ހިންމަފުށީގައި އަލަށް އިތުރުކުރެވުނު މި ބިން ބޭނުންކުރެވޭނީ ބޯހިޔާވަހިކަމާއި އެހެންހެންވެސް އެފަދަ ބޭނުންތަކަށް ކަމަށް ރަށު ކައުންސިލާއި ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14691101146334.jpg|ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން

ކުރިން ރަށުގެ ބޮޑުމިނަކީ ތިރީހަކަށް ހެކްޓަރުކަމަށްވާއިރު އަލަށް ހިއްކި ސަރަޙައްދުގެ ބޮޑުމިން އެކާވީސް ހެކްޓަރަށް އަރައެވެ. އެހެންކަމުން މިއީ މިހާރުވެސް ގެދޮރު ދޫކުރުމާއި އަދި ރަށަށް ގެންނަން ބޭނުންވާ ޢުމްރާނީ ތަރައްޤީތައް ގެނައުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެއްކަން ރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

ޕީއެސްއެމްއިން ވާހަކަ ދައްކާލި ހިންމަފުށީގެ ރައްޔިތުން ތިބީ އަލަށް އެރަށަށް އިތުރުކުރެވުނު ބިމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތުތަކާއި ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް އަލަށް ހިއްކުނު ބިމާއެކު ފަހިވެގެންދާނެކަމުގެ އުންމީދުގައެވެ.

ހިންމަފުއްޓަކީ މިހާރުވެސް ޢިޤްތިޞާދީ ގިނަ މަސައްކަތްތަކެއް ހިންގަމުންދާ ރަށެކެވެ. އަދި ސަރުކާރުގެ މުހިންމު މުއައްސަސާތަކެއް ޤާއިމުކޮށްފައިވާ ރަށެކެވެ. މީގެ އިތުރަށް މިރަށަކީ، ފަތުރުވެރިކަމުގެ ވިޔަފާރީގައިވެސް ކުރިއެރުންތަކެއް ހޯދަމުން އަންނަ ރަށެކެވެ. އެހެންކަމުން ރަށަށް އަލަށް އިތުރުކުރެވުނު ބިމާއެކު މިފަދަ އިޤްތިޞާދީ އިތުރު މަސައްކަތްތައް ކުރިއަރައި ފުޅާވެގެންދިއުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ.