ޚަބަރު

ސޫދާންގެ އަހުލީހަނގުރާމައިގެ ސަބަބުން ދެކުނު ސޫދާންގެ އިޤުތިޞާދު ފުނޑުފުނޑު ވަނީ


ދެކުނު ސޫދާނަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އެ ޤައުމުގެ ސަރުކާރަށް ލިބޭ އާމްދަނީގެ %90އަކީ ތެލުގެ ސިނާޢަތުން ލިބޭ އާމްދަނީއެވެ. ނަމަވެސް، އެ ޤައުމުން ތެޔޮ ބޭރު ކުރުމަށް ބަރޯސާ ވާން ޖެހިފައި ވަނީ، ނުރައްކާތެރި އަހުލީހަނގުރާމައެއް ހިނގަމުންދާ ސޫދާނަށެވެ. ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ހާލަތު ގޯސްވަމުން ދިޔުމާ އެކު، އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ދަނީ ދެކުނު ސޫދާންގެ އިޤުތިޞާދަށް ކުރިމަތިވަމުންނެވެ. އަދި، އެ ކަމާ ގުޅިގެން ދެކުނު ސުދާންގެ އިޤުތިޞާދު ދަނީ ފުނޑުފުނޑުވަމުންނެވެ.

ދެކުނު ސޫދާންގެ އިޤުތިޞާދަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ ޤައުމުގެ ތެޔޮ ބޭރު ކުރުމަށް ބޭނުން ކުރާ ސޫދާންގެ ބަނދަރުތަކާއި މަރުކަޒުތައް ބަންދު ކުރުމަށް ނިންމުމެވެ. ސޫދާންގައި ވެރިކަން ކުރާ އަސްކަރިއްޔާގެ ސަރުކާރުން، އެ ޤައުމުގެ ތެޔޮ މަރުކަޒުތައް ބަންދު ކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ މި ހިނގާ މޭ މަހުގެ ތެރޭގައެވެ.

އިޤުތިޞާދީ ދާއިރާގެ މާހިރުން ބުނީ، ސޫދާންގެ ސަރުކާރުގެ ނިންމުމާ އެކު ދެކުނު ސޫދާންގެ އިޤުތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިގެންދާނެ ކަމުގައެވެ. އަދި، ސޫދާންގެ އަހުލީހަނގުރާމައިގެ ތެރެއަށް ދެކުނު ސޫދާން ވެސް ދަމައިގެންދާނެ ކަމުގައެވެ. ސޫދާންގެ އަހުލީހަނގުރާމައިގެ ދެ ފަރާތުގައި އޮތީ އެ ޤައުމުގެ އަސްކަރިއްޔާއާއި އިދިކޮޅު ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފެ)ވެ.

ދެކުނު ސޫދާންގެ ތެޔޮ އެކްސްޕޯޓު ކުރުމަށް ބޭނުން ކުރާ ސޫދާންގެ މަރުކަޒުތައް ބަންދު ކުރުމަށް ނިންމައި، ސޫދާންގެ ސަރުކާރުން އެ ކަން އިޢުލާނު ކޮށްފައި ވަނީ މޭ 9ވަނަ ދުވަހުއެވެ. ސޫދާންގެ ސަރުކާރުން އެ ޤައުމުގެ ބަނދަރުތައް ބަންދު ކުރުމަށް ނިންމާފައި ވަނީ، އާރްއެސްއެފުން އެ ތަންތަނަށް އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ސޫދާންގެ މައި ބަނދަރަކީ ޕޯޓް ސޫދާނެވެ. ސޫދާންގެ އަސްކަރިއްޔާއިން މި ވަގުތު ވެރިކަން ކުރަމުން ހިންގަމުން ދަނީ އެ ޤައުމުގެ އިރުމަތީ ފަޅީގައި ރަތް ކަނޑުގެ އައްސޭރިފަށުގައި އޮތް ޕޯޓް ސޫދާނުންނެވެ. އެ ރަށަށް އާރްއެސްއެފުން ދީފައިވާ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ތެރޭގައި ތެޔޮ ރައްކާކުރާ ގުދަންތަކެއް ހަލާވުމާއި، ކަރަންޓު ވިއުގައަށް ގެއްލުން ލިބުން ހިމެނެއެވެ. އާރްއެސްއެފްގެ ޙަމަލާތަކާ ގުޅިގެން ޕޯޓް ސޫދާންގެ ބަނދަރުން ތެޔޮ ބޭރު ކުރުމުގެ މަސައްކަތް ހުއްޓައިލުމަށް މަޖުބޫރުވެފައިވާ ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުންޏެވެ.

އެފްރިކާ ބައްރުގެ ސިޔާސީ މަސްރަޙު ދިރާސާ ކުރައްވާ ފަރާތެއް ކަމުގައިވާ އެލެން ބޮސްވެލް ވިދާޅުވީ، ޕޯޓް ސޫދާންގެ މައި ބަނދަރު ބަންދު ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ނިންމުމުގެ ފަހަތުގައި ސަބަބުތަކެއް އޮތް ކަމަށް ބެލެވޭ ކަމުގައެވެ. އޭގެ ތެރޭގައި، އާރްއެސްއެފްގެ ޙަމަލާތައް ހުއްޓުވުމަށް ދެކުުނު ސޫދާންގެ އަސްކަރީ އެހީތެރިކަން ހޯދުން ހިމެނޭ ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

ދެކުނު ސޫދާނަކީ އާރްއެސްއެފާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމެކެވެ. "ބެލޭ ގޮތުގައި މިއީ [ދެކުނު ސޫދާންގެ ތެޔޮ އެކްސްޕޯޓު ކުރުމަށް ހުރަސް އެޅުމަކީ] ޙަމަލާތައް ހުއްޓުވުމަށް [ދެކުނު ސޫދާންގެ] އެހީތެރިކަމަށް އެދުމާ އެއް ފަދަ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ދެކުނު ސޫދާނަށް މިނިވަން ކަން ލިބިފައި ވަނީ 2011ވަނަ އަހަރުއެވެ. އެއަށް ފަހު، އެ ޤައުމުގައި އުފައްދާ ތެޔޮ ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓު ކުރުމަށް ބޭނުން ކުރަމުން ދަނީ ޕޯޓް ސޫދާންގެ ބަނދަރެވެ. އެ ކަމާ ގުޅޭ އެއްބަސްވުމުގެ ދަށުން ސޫދާނުން ދަނީ ދެކުނު ސޫދާނުން ބޮޑު ފީއެއް ނަގަމުންނެވެ. އެއީ، 2005ވަނަ އަހަރު އެކުލަވައިލި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. 2023ވަނަ އަހަރު ސޫދާންގައި އަހުލީހަނގުރާމަ ފެށިގެން ދިޔަ ނަމަވެސް، ދެކުނު ސޫދާނުން ވަނީ އެ ފީ ދައްކަމުން ގޮސްފައެވެ.

ޕޯޓް ސޫދާންގެ މައި ބަނދަރު ބަންދު ކުރުމަށް ސޫދާންގެ އަސްކަރިއްޔާއިން ނިންމި ނިންމުން މުރާޖާ ކުރުމަށް ދެކުނު ސޫދާނުން ވަނީ ހުށަހަޅާފައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މިހާރު މަޝްވަރާތައް ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ދެކުނު ސޫދާންގެ ސަރުކާރުގެ އާމްދަނީގެ %90 ހިއްސާ ކުރަނީ ތެލުގެ ވިޔަފާރި ނަމަވެސް، އެއީ ތެލުގެ ވިޔަފާރިން ލިބޭ އަސްލު އާމްދަނީގެ އެންމެ %40އެވެ. އެ ވިޔަފާރީގެ ނަފާ ޙަޤީޤަތުގައި ނަގަމުން ދަނީ ކުރީގެ އިސްތިޢުމާރީ ބާރުތަކުން ޤާއިމު ކޮށްފައިވާ ތެޔޮ ކުންފުނިތަކުންނެވެ. މިއީ، 'ނިޔޯ-ކޮލޯނިޔަލިޒަމް' ނުވަތަ އައު ނުވަތަ ޒަމާނީ އިސްތިޢުމާރީ ބާރުވެރިކަމުގެ ދަށުން ކުރީގެ އިސްތިޢުމާރީ ބާރުތަކުން ޤާއިމު ކޮށްފައިވާ ނިޒާމެކެވެ.