ޚަބަރު

މާފަރު އެއަރޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު އިޤްތިސާދީ ފުރުސަތުތައް ދަނީ ފަހިވަމުން: ވަޒީރު ސަޢީދު


  • މާފަރު އެއަޕޯޓްގެ 2 ވަނަ ފިޔަވަހީގެ މަަސައްކަތް ވަނީ ނިންމާފައި

  • ރަންވޭ އެންމެ ބޮޑެތި ބޯޓު ފަހަރުތަކަށް ޖެއްސޭވަރަށް ވަނީ ތައްޔާރުވެފައި

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާ ދިވެހިންނަށް އިޤްތިސާދީ އިތުރު ފުރުސަތުތައް ފަހިވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ވަނީ މާފަރު އިންޓަރނޭޝަނަލް އެއަޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 މަރުކާގެ ވައިޑް ބޮޑީ ފްލައިޓެއް އެއް ޖައްސާފައެވެ. އެދުވަހު މާފަރު އެއަޕޯޓަށް ޓެސްޓް ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ އެމިރޭޓްސްގެ ފްލައިޓެކެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އެ ތާރީޚީ ކާމިޔާބު ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީރު ސަޢީދު ވިދާޅުވީ މި ކާމިޔާބީ އަކީ ރާއްޖޭގެ އޭވިއޭޝަންގެ ދާއިރާ ލިބުނު މި ކުރިއެރުމާއި އެކު މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމުގައި ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެ އެއަރޕޯޓަށް ގެންނަމުންދާ ތަރައްޤީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާ، ދިވެހިންނަށް އިޤްތިސާދީ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިޤްތިސާދީ ވަޒީރު ސަޢީދުގެ އިތުރުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް ވަނީ މިކަމާގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

ވަޒީރު އަމީން ވިދާޅުވީ މާފަރު އެއަރޕޯޓުގެ 2 ވަނަ ފިޔަވަހީގެ މަަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ރަންވޭ 2.8 ކިލޯމީޓަރަށް ވަނީ ބޮޑުކޮށްފައެވެ. އަދި ޓެކްސީވޭ ބޮޑުކޮށް އޭޕްރަންގެ މަސައްކަތްވެސް ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު މާފަރު އެއަޕޯޓަށް ބޮއިން 777 މަރުކާގެ މަތިންދާ ބޯޓާއި އެއަރބަސް A350 މަރުކާގެ ބޯޑު ފަހަރަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މާފަރު އެއަޕޯޓުގައި އެންމެ ބޮޑެތި ބޯޓު ފަހަރުތަކަށް ޖެއްސުމަށް ސަޓިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެ މަރުހަލާ ނިމުމުން ރިކުއެސްޓް އަންނަ ވަރަކުން ފްލައިޓްތަކަށް ޖެއްސޭނެކަމަށް މޯލްޑިިވިއަނުން ބުނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަންވޭ ބޮޑުކުރުމުގެ މަސައްކަތަށްފަހު ބައިނަލްއަޤްވާމީ ދަތުރުތަކަށް އަލުން ހުޅުވާލީ 2024 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އެއަޕޯޓުގެ މުހިއްމު މަސައްކަތްތައް ވޭތުވެދިޔަ އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާއިރު މިހާރު އައިލޭންޑް އޭވިއޭޝަނުން ވަނީ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކުވެސް ހޯދުމަށް އިޢުލާންކޮށްފައެވެ.

މާފަރު އެއަރޕޯޓު ހުޅުވައިފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި މި ތަން އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މިއާއެކު މާފަރު އެއަރޕޯޓަކީ ޕްރައިވެޓު ޖެޓުތަކުގެ ޖެއްސުމުގެ މަޤްބޫލު އެއަރޕޯޓެކެވެ. މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ނ، ރ އަދި ބ އަތޮޅުގައި ހިންގަމުންދާއިރު، އެ ރިސޯޓުތަކަށް ޖެޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ބޭނުންކުރަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެކެވެ.

މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ.