މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު، ވެއްޓިފައި އޮތްވާ ފެނުނު ހާދިސާގެ ތަހްގީގަށް އާޢިލާގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ތަހްގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މިިދިޔަ މަހުގެ 18 ވަނަ ދުވަހު ހ.މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ތަޙުޤީގަށް ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް އާޢިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން 2 ފުލުހަކު މެލޭޝިއާގައި އެކަމަށްޓަކައި ތިބިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެކެވެ.
އެހެންނަމަވެސް މިއަދާހަމައަށް ތަކުރާރުކޮށް މުޢާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަނަމަވެސް ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހްގީގަށް އެއްބާރުލުން ލިބިފައިނުވާކަަށް ފުލުހުން ވިދާޅުވެއެވެ. އަދި ޔުމްނުގެ ޞިއްޙީ ހާލަތާ ގުޅޭގޮތުންވެސް އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުންނަށް ހިއްސާކޮށްފައި ނުވާކަމަށާއި މެލޭޝިއާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރިއިރުވެސް ފުލުހުންނާ އެމަޢުލޫމާތު ހިއްސާކޮށްފައިނުވާކަމަށެވެ.
ފުލުހުން ވިދާޅުވީ ތަޙްޤީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާޢިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައިކަމަށެވެ. ނަމަވެސް އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ތަޙްޤީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގެއާ އިންވެގެން ހުރި ހ.މިޓާޒުގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓިފައި އޮތްވާ ފެނުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ޚާއްސަ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި މިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާވަނީ ގިނަ ބާރުތަކެއް ދެއްވާފައެވެ. މިމައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާއި ބެހޭ މުވައްޒަފުންނާ ބައްދަލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ކިބައިން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.