މާލެ އަތޮޅު ހުރާގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ހުރާއަކީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން އޭޓީއެމްގެ ޚިދުމަތް މިހާތަނަށް ނުފެށި އޮތް ހަމައެކަނި ރަށެވެ.
ކ.ހުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމު އަދި ރަށުގެ މުވައްސަސާތަކާ ރައްޔިތުންވެސް ބައިވެރިވިއެވެ.
ހުރާއަކީ ކ.އަތޮޅުގައި މިހާތަނަށް އޭޓީއެމްއެއްގެ ޚިދުމަތް ނެތް ހަމައެކަނި ރަށެވެ. އެހެންކަމުން އެރަށުގައި އޭޓީއެމްއެއްގެ ޚިދުމަތް ފެށިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނާއި ހުރާގައި ވިޔަފާރިކުރާ ފަރާތްތަކާއި އަދި އެ ރަށް ކައިރި ރިސޯޓްތަކުންވެސް ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ޚިދުމަތެކެވެ.
އޭޓީއެމްގެ ޚިދުމަތް ފައްޓާވާދެއްވުމަށްފަހު ވާހަކަދައްކަވަމުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދީގެން ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަވާ މަސައްކަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ޚިދުމަތްތައް އަވަސްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުންކަމަށެވެ.
"ކުރިންވެސް ބީއެމްއެލް އޮވޭ. އެކަމަކު އަހަރަކު 2-3 ތަނެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވެނީ. މިއަދި މި ފެނިގެންދަނީ ރައީސް ބީއެމްއެލްގެ ހިންގެވުމަށް ގެންނެވި ހެޔޮ ބަދަލު." ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 32 ރަށުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ މާލެއާއި ސިޓީތައް ފިޔަވާ ދެން ހިމެނޭ ރަށްތަކުން، މިއަހަރު މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މުޢާމަލާތް އޭޓީއެމްތައް މެދުވެރިކޮށް ކޮށްފައިވާކަމަށެވެ. އެގޮތުން މިއަހަރު 1.45 ބިލިއަން ރުފިޔާ ބިލިއަން ރުފިޔާ ޖަމާކޮށްފަވާއިރު، ހަމައެކަނި ނިމުނު ދެ ހަފްތާގައި 160 މިލިއަން ރުފިޔާ ޖަމާކުރިކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ މިއީ ބޭންކިން ނިޒާމަށް ވަންނަ ފައިސާކަމަށާއި މި ބަދަލުތަކާއެކު ބޭންކުން އާއްމުންނަށް ދޫކުރާ ލޯނު ސްކީމްތަކާއި އިތުރު ފައިނޭންސިން ފެސިލިޓީތައްވެސް ފުޅާކޮށްފައިވާކަމަށެވެ.
"ލޯނު ދިނުމުގެ އުސޫލުތައް މިވަނީ ފަސޭހަކޮށްފަ. ގެދޮރު ހެދުމާއި، ގެސްޓް ހައުސް ވިޔަފާރިއާއި އަދި އެނޫންވެސް ކުދި ވިޔަފާރިތަކުންވެސް ފައިނޭނެސްޝަލް ފެސިލީޓީތަކަށް މިވަނީ ލުއި ބަދަލުތައް ގެނެސްފައި." ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ހުރާގެ ރައްޔިތުން ފާހަގަކުރިގޮތުގައި އޭޓީއެމްގެ ޚިދުމަތަކީ އެރަށުގެ ރައްޔިތުންގެ 11 އަހަރުވީ އުންމީދެއްކަމަށެވެ. އެގޮތުން ހުރައަކީ މާލެ އަތޮޅުގައިވެސް މި ޚިދުމަތް މިހާތަނަށް ނުފެށި އޮތް ހަމައެކަނި ރަށްކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށްވެސް އެކަމުގެ ސަބަބުން ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށެވެ.
މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާފައިވާއިރު ހއ، ނ، ދ އަދި މ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.