ޚަބަރު

ބައިނަލްއަގްވާމީ ކުޅިވަރުގައި ކާމިޔާބީތައް ހޯދުމަށް އެއްބާރުލުން ދޭނަން: ޗައިނާ ސަފީރު


ރާއްޖޭން ކުޅިވަރުގެ ދާއިރާގައި ހާސިލްކުރަން ބޭނުންވާ އަމާޒުތައް ހާސިލުކުރުމާއި ބައިނަލްއަގްވާމީ ކުޅިވަރުގައި ކާމިޔާބީތައް ހޯދުމަށް ޗައިނާ ސަރުކާރުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޗިންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު ކޮން ޗިންހުއާ މިހެން ވިދާޅުވީ ރާއްޖެއަށް ޗައިނާގެ ޔުނާން ޕްރޮވިންސުން ހަދިޔާކުރި ކުޅިވަރު ސާމާނު ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ސަފީރު މިހެން ވިދާޅުވީ ކުރިޔަށް އޮތް 15 ވަރަކަށް އަހަރުގެތެރޭގައި ޗައިނާގެ އެއްބާރުލުމާއެކު ރާއްޖެއަށް އޭޝިއަން ގޭމްސް ނުވަތަ އޮލިމްޕިކްސްގައި މަތީ ވަނައެއް ހޯދޭނެކަމަށް އުންމީދުކުރައްވާ ކަމަށް ރާއްޖޭގެ ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއު ވިދާޅުވުމާއި ގުޅިިގެންނެވެ.

ރާއްޖޭގެ ރައްޔިތުން ކުޅިވަރަށް ދޭ އަހަންމިއްޔަތުކަމާއި، ބަހައްޓާ ލޯބި ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ޗައިނާ ސަރުކާރުން ހަދިޔާކުރި ކުޅިވަރު ސާމާނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޗައިނާ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފުޓްބޯޅައާއި ޓޭބަލްޓެނިސް ކުޅުމަށް ބޭނުންކުރާ ސާމާނާއި އެތުލެޓިކްސްގައި ބޭނުން ކުރާ ބައެއް ތަކެތި ހަދިޔާ ކޮށްފައެވެ.

ސަފީރު ވިދާޅުވީ ކުޅިވަރުން އުފާވެރިކަން ހޯދާ ދުޅަހެޔޮ ސިއްހަތެއްގައި ދިވެހިން ތިބުމަށް އެދޭ ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ކުރިޔަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދީ ކުޅިވަރުން ކުރިއެރުންތައް ހޯދައިދިނުމަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުޅިވަރަކީ އެކުވެރިކަން ޕްރޮމޯޓްކޮށް ތަފާތުކުރުންތައް ނައްތާލާ ރޫހު ދިރުވައިދޭ "ބައިނަލްއަގްވާމީ ބަހުރުވަ" އެއް ކަމަށްވެސް ސަފީރު ކޮން ޗިންހުއާ ވިދާޅުވިއެވެ. އަދި ޗައިނާގެ ރައީސް ކުޅިވަރު ދާއިރާގެ ތަރައްޤީއަށް ދެއްވާ ސަމާލުކަން ފާހަގަ ކުރައްވާ، ސަފީރު ވިދާޅުވީ ރައީސް ޝީ ޖިންގޕިންގ އަކީ ކުޅިވަރުގެ ތަރައްޤީއަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށާއި، ޤައުމުގެ ހަމަޖެހުމަށް ކުޅިވަރު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އިޝާރާތް ކުރައްވާ ސަފީރު ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އާއި ރައީސް ޑރ.މުއިއްޒުގެ ހަރުދަނާ ސަރުކާރުން ޗައިނާއާއި ރާއްޖޭގެ ގުޅުންތައް ބަދަހިކޮށް ތާރީހީ ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

ޗައިނާ އާއި ރާއްޖެއަކީ ސަގާފީ ގޮތުންވެސް ޒަމާންވީ ގާތް ދެ އެކުވެރިންކަން ފާހަގަކުރައްވާ ޗައިނާ ސަފީރު ވިދާޅުވީ އައު ސަފީރުގެ ހައިސިއްޔަތުން އޭނާގެ މި ދައުރުގައި އެންމެ އިސްކަން ދެއްވާނީ ދެގައުމުގެ ރައީސުން އެއްބަސްވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް ކަމަށެވެ.